މާލެ ސަރަހައްދުގެ މިސްކިތްތައް މިރޭ މަގްރިބް ނަމާދުން ފެށިގެން ހުޅުވަނީ

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފައި އޮތްއޮތުން މިރޭ މަގްރިބް ނަމާދުން ފެށިގެން މިސްކިތްތައް ހުޅުވާލަން ނިންމައިފި އެވެ.

މި ހުއްދަ ދީފައި މި ވަނީ ތިން މަސް ދުވަސް ފަހުންނެެވެ. މާލެ އިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނިފައި ވަނީ އޭޕްރިލް 15 ގައެވެ. އެ ކޭސް ފެނުމާއެކު މާލެ ސިޓީގައި ބަލި ފެތުރިދާނެ ކަމުގެ ބިރަށް މުޅި މާލެ ސިޓީ އޮތީ ފުރަބަންދު ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން، މިއަދު އަޞްރު ނަމާދުގެ ނިޔަލަށް މި ވަގުތު ރާއްޖޭގައި ފުރަބަންދު ހާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިން ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކުރަންޓީނުކޮށްފައިވާ ރަށެއްގައި މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާ ކަމަށެވެ. 

އެ ނިންމުން ނިންމާފައި ވަނީ ލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އަދި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދު މަޣްރިބު ނަމާދުން ފެށިގެންނެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅުގެ ހުރިހާ މިސްކިތްތައް ހުޅުވާލުމުގައި މައްސަލައެއް ނެތް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މިސްކިތްތައް ހުޅުވާލާއިރު ސިޓީ ކައުންސިލުން ގިނަ ކަންތައްތަކަކަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓް އަޅާފައި ނެތުމާއި ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން މި ހާލަތުގައި އެއާކޯނު ބޭނުން ނުކުރުން ހިމެނެ އެވެ. 

އޭގެ އިތުރުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި މުސައްލައެއް ގެންދިއުމާއި މާސްކު އެޅައިގެން މިސްކިތަށް ދިއުމާއި މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމާއި މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުން ވެސް ހިމެނެ އެވެ. އަދި އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުމާއި ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ގޮސްގެން ނުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީން ބުނީ ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމާއި ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން އަދި މިސްކިތާއި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަންކޮށްގެން ނުވާނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!