މާލޭގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި

މާލޭގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ކުރިއަށް ގެންދާ އާބަން ގާޑަން ގާއިމްކުރުމުގެ ޕްރޮގްރާމްގެ މޮޑެލް ބިނާ ވާނީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހޭ ތަނެއްގެ ބޮޑު ކުޑަ މިނުގެ މައްޗަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. 

އެ ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދެނީ މިނިސްޓްރީންނެވެ. އެ ޕްރޮގްރާމުގައި ގަސް ހެއްދުމަށް ވިހަ ގޭސްތައް ބޭނުން ނުކުރެވޭނެ ކަަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެ ބަދަލުގައި ގަސް ކާނާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތައް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ހަމަ އެއާއި އެކު ގޭބީސީތަކުން އުކާލާ ތަކެތި ބޭނުން ކޮށްގެން ގަސް ކާނާ އުފައްދާ އެތަކެތި ބޭނުން ކުރުން ވެސް ޕްރޮގްރާމްގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އެ ޕްރޮގްރާމްގައި ބައިވެރި ވުމަށް އެދޭ މީހުން ސަރުކާރުގެ ގެޒެޓުގައިވާ ފޯމް އަދި ބިމެއްނަަމަ އެ ބިމެއްގެ ރަޖިސްޓްރީގެ ކޮޕީ އަދި ޓެރަސް އެއް ނަަމަ އެ ޓެރަސް އެއް ހިމެނޭ އިމާރާތުގެ ރަޖިސްޓްރީގެ ކޮޕީ މިނިސްޓްރީ އަށް ހުށައަޅަން ޖެހެ އެވެ. އަދި ފޯމް ހުށައަޅާ މީހާއަކީ ބިން ނުވަތަ ޓެރަސް ހުރި އިމާރާތުގެ ވެރި ފަރާތް ނޫން ނަމަ އެތަނުގައި އާބަން ގާޑަން ތަރައްގީ ކުރުމަށް ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ވެސް މިނިސްޓްރީ އަށް ހުށައަޅަން ޖެހެ އެވެ. 

މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ ހުށައަޅާ ތަނުން ޖާގަ ލިބެން އޮތް މިންވަރާއި މޮޑެލް ގާޑަން ތަރައްގީ ކުރުމުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރަށް ވެސް ބަލާނެ ކަމަށެވެ. އަދި ހުށަހަޅާ ތަނަށް މޫދު ލޮނުގެ އަސަރު ކުރާ މިންވަރާ އަވި ލިބޭ ނިސްބަތަށް ވެސް ބަލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ޕްރޮގްރާމަށް ފޯމު ހުށަ އެޅުމުގެ ސުންގަނޑި އަކީ ޖޫން 25 ވަނަ ދުވަހުގެ 14:00 އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!