ލޮކްޑައުންގެ ހާލަތުގައި ހުރި ރަށްރަށުގެ ސްކޫލަތްތައް ނުހުޅުވާ ގޮތަށް ހަމަޖައްސައިފި

ކޮވިޑް-19 އިން އަރައިގަތުމަށް ނިއުނޯމަލަށް ދިއުމުގެ މަގްސަދުގައި ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ހަމަޖައްސާފައިވާ ޕްލޭންގެ ދަށުން ލޮކްޑައުންގެ ހާލަތުގައި ހުރި ރަށްރަށުގެ ސްކޫލަތްތައް ނުހުޅުވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު ނިއުނޯމަލްގައި ސްކޫލްތައް އަލުން ހުޅުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ސްކޫލްތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އަދި ސްކޫލްތައް އަލުން ހުޅުވުމުގައި އަމަލު ކުރަމުން ދާނީ ރަށްރަށުގައި ސިއްހީ ހާލަތާ މެދު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މިންގަޑުތައް ބަޔާން ކުރާ ގޮތަށް ބަލައިގެން ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.

ސްކޫލްތައް ހުޅުވުމުގައި ތިން ކެޓަގަރީއަކަށް ބަހާލައިގެން ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިރު އޭގެތެރެއިން ފުރަތަމަ ކެޓަގަރީއަކީ ކޮވިޑް-19 އާ ގުޅިގެން ފުލް ލޮކްޑައުންގެ ހާލަތުގައި ހުރި ރަށްރަށެވެ. އެ ރަށްރަށުގައި ތައުލީމް ފޯރުކޮށްދޭ ހުރިހާ ސްކޫލްތަކެއް ބަންދުކުރަން ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަންގެ ގައިޑްލައިންގައި ބުނެއެވެ. ދެވަނަ ކެޓަަރީއަކީ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށް ކަމަށާއި އެ ރަށްރަށުގައި ސްކޫލްތައް ހުޅުވައިގެން ކިޔަވައިދިނުން ކުރިއަށް ގެންދާނީ ކީސްޓޭޖް 4 އަދި 5 (ގްރޭޑް 9 އިން 12 އާ ދެމެދު) ގެ ދަރިވަރުންނަށް ކަމަށް އެ ގައިޑްލައިންގައި ވެއެވެ.

މީގެ އިތުރުން ފަހު ކެޓަގަރީ އަކަށް ފާހަގަ ކޮށްފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެނިފައިނުވާ ރަށްރަށެވެ. އެ ރަށްރަށުގައި ކީ ސްޓޭޖް 1 އިން 5 (ގްރޭޑް 1 އިން 12 އާ ދެމެދު) ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި އެ ކެޓަގަރީތަކުގައި ހުރި ރަށްރަށުގެ ހާލަތަށް އެޗްޕީއޭއިން ބަދަލު ގެނައުމާއެކު އެ ގައިޑްލައިން ބަދަލުވެގެން ދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ކުރިން ރަސްމީ ފަސްދުވަހު ކިޔަވައިދީފައި ވީ ނަމަވެސް ނިއުނޯމަލްގައި ހުޅުވާ ސްކޫލަތަކުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު 4 ދުވަހެވެ. އަދި ރަސްމީ 5 ދުވަހުގެ ތެރެއިން އެއް ދުވަހަކީ ޓީޗަރުން ސްކޫލަށް ހާޒިރުވެ، ކުދިންނަށް ދޭ ފިލާވަޅުތަކަށް ތައްޔާރުވާން ޖެހޭ ދުވަހެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ނިއުނޯމަލްގައި ހުޅުވައިގެން ސްކޫލަތަކުގައި ކިޔަވައިދޭ އިރު ކިޔެވުން ބަހާލާފައިވާ ގޮތުގެ ތަފްސީލެއްވެސް މިނިސްޓްރީން ސްކޫލަތަކަށް ފޮނުވާފައިވާ ގައިޑްލައިންގައި ވެއެވެ. އެ ގޮތުން ކީ ސްޓޭޖް 1 (ގްރޭޑް 1، 2، 3) އަދި ކީ ސްޓޭޖް 2 (ގްރޭޑް 4، 5، 6) ގެ ދަރިވަރުންނަށް ހަފްތާއަކު 19 ޕީރިއަޑާއި، ހަފްތާއަކު ފަސް ޓެލިކިލާސް ސެޝަން ނެގުމަށް ހަމަޖެހިފައި ވެއެވެ. ހަމައެއާއެކު ކީ ސްޓޭޖް 3 (ގްރޭޑް 7، 8) ގެ ދަރިވަރުންނަށް ހަފްތާއަކު 18 ޕީރިއަޑް އަދި ކީ ސްޓޭޖް 4 (ގްރޭޑް 9، 10) ގެ ދަރިވަރުންނަށް ކޮންމެ މާއްދާއަކަށް ޖުމްލަ 180 ގަޑިއިރާއި ހަފްތާއަކު ދެ ޓެލިކިލާސް ސެޝަން ފުރިހަމަ ކުރަން ޖެހޭ ކަމަށް އެ ގައިޑްލައިންގައި ވެއެވެ.

މީގެ އިތުރުން ކީ ސްޓޭޖް 5 (ގްރޭޑް 11، 12) ގެ ދަރިވަރުން ދެ އަހަރުގެ ތެރޭގައި ކޮންމެ މާއްދާއަކަށް ޖުމްލަ 230 ގަޑިއިރު ފުރިހަމަ ކުރަން ޖެހޭ ކަމަށާއި ހަފްތާއަކު ދެ ޓެލިކިލާސް ސެޝަން ނަގަން ޖެހޭ ކަމަށް ވެސް އެ ގައިޑްލައިންގައި ވެއެވެ.

ކޮވިޑް19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައި ފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!