ވާހަކަ: ކަޅުވިލާ – މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެބަޔާ ގުޅޭ)

އަހަންނަށް ހިތާހިތުން ދުޢާކުރަން ފެށުނެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! މި އަނިޔާވެރިކަމާއި، ނުބައިކަމުން، ނިކަމެތި އަޅާ ސަލާމަތް ކޮށްދެއްވަފާނދޭވެ!

އިރުކޮޅަކުން އެތަނުން މީހަކު އައިސް، އަހަރެންގެ ހަތަރެސްފައިގައި ޖަހާފައިވާ ހިލިހިލާގަނޑު ނައްޓާލައިފިއެވެ. ހަމައެއާއެކު އަހަރެންގެ ވަރުދެރަވެފައިވާ ހަށިގަނޑު ތަޅުންގަނޑުމައްޗަށް ގުޅައަކަށް ޖެހިއްޖެއެވެ. އަހަންނަށް ކޮޅަށް މި ހުރެވުނީ އެ ހިލިހިލާގަނޑުގެ އެހީގައިކަން އެނގުނީ ދެނެވެ. އެއިރު އަހަރެންގެ މޫނުމައްޗާއި، ހަށިގަނޑުގެ އެތަންމިތަނުގައި ވޭން އަޅަމުންދެއެވެ. ލައިގެންހުރި ޔުނިފޯމުގެ ބޮޑު ބައެއް އޮތީ ލެއިން ތަތްތެޅިފައެވެ. ރަހުމެއްނެތި ކުރި އަނިޔާގެ ސަބަބުން، އަނގައިންފޭބި ލެއިންނެވެ.

އެ ތަނަށް ވެއްޓުނު ގޮތަށް، ގުޑުމެއް ވެސް އަރުވައިނުލެވި އޮއްވާ، އެ ތަނުގައި ތިބި ތިން މީހުން، އަހަރެންގެ ގައިގައި އެ މީހުން އަރައިގެންތިބި ބަރު ބޫޓުން، އެ މީހަކަށް ޖެހުނުތަނަކު ޖަހާފައި، ހީނގަތްއިރު ހީވީ، ވަރަށް މޮޅު ކަމެއް ކޮށްލެވުނުހެންނެވެ. ވަރަށް ބޮޑު އުފަލެއް ވެސް ލިބުނުހެންނެވެ.

އަހަންނަށް އެންމެ ތަދުވީ، ބަނޑުކޮޅުގައި ޖެހުމުންނެވެ. ވީތަދެއްގެ ބޮޑުކަމުން، އެ ވަގުތު ނޭވާ ވެސް ނުލެވުނެވެ. އެކަމަކު ކުރިން ނުރޯވަރަކަށް ނުރޮވުނެވެ. ތަނަށް ދިރެނީ ކަންނޭނގެއެވެ. އަނިޔާއަށް ހޭނެނީ ކަންނޭނގެއެވެ. އެހެނަސް ދެ ލޮލުން އޮހޭ ކަރުނައަކަށް މާ ބޮޑު ބަދަލެއް އައިކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

އެންމެ ބޮޑު އަޖައިބަކީ، މިވަރަށް ކަރުނަ އޮހެމުން ދާއިރުވެސް، ދެ ލޮލުން ކަރުނަ ހުސްނުވިކަމެވެ. ކޮންމެ ލޮލަކަށް ކަރުނައިގެ ކޯރެއް ލިބިފައި ވީނަމަވެސް، އެ ކޯރު ހުސްވާހައި ކަރުނަ މިހާރު މި ދެ ލޮލުން ބޭރުވެއްޖެއެވެ. އެކިފަހަރު މަތިންނެވެ. އެކަމަކުވެސް ފައިބާ ކަރުނައަކަށް ބަދަލެއް ނާދެއެވެ.

ކުޑައިރުކޮޅެއް ފަހެވެ. އަހަރެން ރޮއިރޮއި އޮއްވާ، ކުއްލިއަކަށް ފެންނާންފެށީ، ފަންގިފިލައިން ގާތްގަނޑަކަށް ފަސް ފޫޓް ފަސް ފޫޓް ގެ ގޮޅިއެއް ތިރިއަށް ފައިބާން ފެށިތަނެވެ. ކަޅިޖަހާނުލައި އެ ދިމާއަށް ބަލަން އަހަރެން އޮތީމެވެ. ތަޅުން ގަނޑުގައި ޖެހުނުއިރު، އެންމެ ވައްތަރީ އެ ސައިޒްގެ ފޮށްޓަކާއެވެ. އެ ފޮށިގަނޑު ތިރިއަށް ފޭބީ ފަލަ ޗޭނުގަނޑެއްގެ އެހީގައެވެ. ފޭބުމާއެކު އެތަނުގައި ތިބި ތިން މީހުން އޭގެ ތެރެއަށް ވަދެއްޖެއެވެ. ހުޅުވުނު ދޮރަކުންނެވެ. ވަގުތުން އެފޮށި މައްޗަށް އަރައި، އިހު ހުރިގޮތަށް ހަމަޖެހިއްޖެއެވެ. އެއީ އެ ތަނުގައި ބޭނުންކުރާ، ސިއްރު ލިފްޓެއްކަން އެނގެނީ މިހާރުއެވެ.

އަނެއްކާވެސް އަހަރެން އެކަނިވީއެވެ. ކޮންމެވެސް ވަރެއްގެ ހަމަޖެހިލުމެއް ލިބެން އުޅުނުހެން ހީވިނަމަވެސް ނުލިބުނެވެ. ދެން ކުރިމަތިލާން ޖެހޭނީ ކޮންފަދަ މުސީބާތަކާ ކަމެއް ނޭނގޭތީއެވެ.

ކުއްލިއަކަށް އަހަރެންގެ ބޮލަށް އެނބުރުން އަރާގޮތްވާން ފަށައިފިއެވެ. ހިތަށް އަނިޔާ ލިބޭން ފެށީ، އެ ރީތި އެހެނަސް ނިކަމެތި އަންހެންކުއްޖާއަށް ދެވުނު ގަދަފަދަ އަނިޔާގެ ހިތްދަތި މަންޒަރުތައް ސިކުނޑީގައި އެނބުރޭން ފެށުމުންނެވެ. އެ ކުއްޖާގެ ފުރާނައާއި ހަށިގަނޑު ދެ ތަން ކޮށްލެވުނު، ރަޙުމު ކުޑަ ގޮތް ހަނދާނަށް އަންނާން ފެށުމުންނެވެ. އަނެއްކޮޅުން މިހާރު އަހަރެންވެސް މި ވަނީ، އެ ދުވަހަކަށް އިންތިޒާރުކުރާން ޖެހިފައެވެ. ރޮބްސަންގެ އަމުރަށް ކިޔަމަންނުވާ ކޮންމެ އަންހެން ކުއްޖަކަށް ހައްގުވާ އިނާމަކީ އެއީކަން ވަނީ އެނގިފައެވެ. ވީއިރު އަހަންނަށް ވެސް ދެން އޮންނާނީ އެ ޙުކުމެވެ.

އެތައްއިރަކު އޮތުމަށްފަހު ތެދުވެވޭތޯ މަސައްކަތް ފަށައިފީމެވެ. ހަށިގަނޑުގައި އަޅާވޭނާއި، ބޮލަށްވެފައިހުރި ގޮތެއްގެ ސަބަބުން، ތެދުވާހައި ހިތްވަރެއް ނުލިބުނެވެ. އަނގައިން އޮހެމުންދިޔަ ލޭ މަނާވެފައި ވީނަމަވެސް، ދެ ތުންފަތް ދުޅަވެ އަރާފައި ހުރިކަން އެނގެއެވެ.

އެ ފަދަ ހާލެއްގައި އެތަނުގައި އޮންނަތާ ގާތްގަނޑަކަށް ގަޑިއެއްހައި އިރު ވެއްޖެއެވެ. ދެންފެނުނީ އެއްކަލަ ފޮށި އަނެއްކާވެސް ތިރިވާންފެށި ތަނެވެ. އަހަރެންގެ ތެޅިފޮޅެމުންދާ ބަދުނަސީބު ހިތް ރޮއިގެންފިއެވެ. ކޮންމެވެސް ކަމެއް ލައިގަންނަން އުޅެނީއެވެ. ނަމަވެސް އިރާދަކުރެއްވީތީ މި ފަހަރު އަދި މި ވީ އެ ފަދަ ގޮތެއްނޫނެވެ. މި ފަހަރު އެ އައީ އަހަންނަށް ކާތަކެތި ގެންނަ ކުއްޖާއެވެ. އޭނާ އައީ އަހަންނަށް ކާތަކެތި ހިފައިގެންނެވެ. އޭނާ  ފެނިފެނި މިހާރު އަހަރެން ވަނީ އޭނާގެ އެ ސިފައަށް ހޭނިފައެވެ. އެހެންނަމަވެސް އޭނާއާ ދިމާއަށް ނުބަލާވޭތޯ ވަރަށް މަސައްކަތް ކުރަމެވެ. އެއީ އެ ފަދަ ގޮތަކަށް މީހުންގެ ކުރިމަތީގައި އުޅެން އޭނާ ވެސް ލަދުގަންނާނޭކަން އެނގޭތީއެވެ.

އޭނާ އައިސް އަހަރެންގެ ގާތުގައި ކާތަކެތި ބެހެއްޓުމުން، އެ ތަކެއްޗަށް އަހަރެން ބަލައިލީމެވެ. ކަރުނައިން ފުރިފައިވާ ދެ ލޮލުންނެވެ. މި ފަހަރު އަހަރެންގެ ކުރިމައްޗަށް ގެނެވިފައި ހުރީ، އެހެން ފަހަރު ފަހަރާ ވަރަށް ތަފާތު ކެއުމެކެވެ. ހީވަނީ ކުކުޅަކަށް، ނުވަތަ އެހެންވެސް އެ ކަހަލަ ޖަނަވާރަކަށް ގެނެސްފައި ހުރި ކައި އެއްޗެއް ހެންނެވެ. އަހަރެން އޮތީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. އެހެންނަމަވެސް ކާހިތެއް ނުވިއެވެ. ކާންގެނެސްފައި ހުރި ތަކެތި ގޯސްވެގެނެއް ނޫނެވެ. މިއަދު ދިމާވި ކަންތައް ގަނޑެއްގެ ސަބަބުން، އަދި ވެސް މޭބޮޑުވުމެއް ނުފިލައެވެ.

“އަހަރެން މިހާރު ކާހިތެއް ނެތް!” އަހަރެން ގާތު އެތަކެތި ބެހެއްޓުމުން، އެ އަންހެން ކުއްޖާއާ މުޚާތަބުކޮށް ވަރަށް ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ.

“ތިހެން ހަދައިގެން ނުވާނެ. ކޮންމެވެސް ވަރަކަށް އެތިކޮޅެއް ކައިލެވޭތޯ ބަލާ!” އެ އަންހެންކުއްޖާގެ އަޑުގައި އެކުލެވިފައިވާ އޯގާވެރި ކަމެއްގެ ސަބަބުން، އަހަރެން ހައިރާންވިއެވެ. އެއީ އަދި މި ވީތަނަށް ދުވަހަކުވެސް އެކަހަލަ ގޮތަކަށް އޭނާ އަހަންނާ އަނގައިން ބުނެފައި ނުވާތީއެވެ. އަހަރެން ވަރަށް ހިތްވަރުކޮށްފައި، އަނެއްކާވެސް ތެދުވެވޭތޯ ބެލީމެވެ. އެކަމަކު މި ފަހަރު ވެސް ތެދުވާނެ ހިތްވަރެއް ނުލިބުނެވެ. އޭނާގެ އެހީތެރިކަން އަހަންނަށް ލިބުނެވެ. އެކަމަކު ތެދުވެވުނަސް އިށީނދެ އިންނާނެ ހަކަތަ ނެތުމުން، އަހަންނަށް ޖެހުނީ ބިއްލޫރި ފާރުގެ އެހީ ހޯދާށެވެ.

އަހަރެން ވަރަށް ފަރުވާތެރިކަމާއެކު، އެ ކުއްޖާގެ މޫނަށް ބަލައިލީމެވެ. އަހަންނަށް އޭނާގެ ދެ ލޮލުން ފެނުނީ ކަރުނައިގެ ތެތްކަމެވެ. ހިތާމައާއި ހިތްދަތިކަމުގެ ބަނަކަމެވެ. މަޖުބޫރީ ދިރިއުޅުމެއްގެ ކެކުޅުމެވެ.

“ތީވެސް…..؟” އަހަންނަށް އިނދެވުނީ ހައިރާންކަމާއެކު އޭނާގެ މޫނަށް ބަލާށެވެ. އޭނާގެ ދެ ލޮލުން ކަރުނަތިއްކެއް ފުންމާލީ އެވަގުތުއެވެ. ފުރަތަމަ އެންމެ ތިއްކެކެވެ. އެއާ ވިދިގެން އެ ފަދަ އެތައް ތިއްކެކެވެ. އެއް ތިކި އަނެއް ތިއްކާ އަތު ގުޅާލައިގެންނެވެ. އޭނާ އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ.

“ކޮންނަމެއް ކިޔަނީ؟” އެ ކުއްޖާގެ އަޑުގައި ވަނީ ރިހުމެއް އެކުލެވިފައެވެ. ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

“ރީޝާ!”

“އަހަރެންގެ ނަމަކީ ޝެލީ” އޭނާ އަމިއްލައަށް ތަޢާރަފުވެލިއެވެ. “އަހަންނަކީ ވެސް ރީޝާ ކަހަލަ ނިކަމެތި އަންހެން ކުއްޖެއް. މިއީ އަހަރެން އުޅޭހިތުން އުޅޭތަނެއް ނޫން! އުޅެން މަޖުބޫރުވީމާ އުޅެނީ. މި ތަނަށް އަންނަން ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫވާނެ މި ތަނުގައި ކެތްކޮށްލަން. އެކަމަކު އެހެން ގޮތެއް ވެސް ނޯންނާނެ!” ޝެލީގެ ދެ ލޮލުން އަނެއްކާވެސް ކަރުނަ ހިލިއްޖެއެވެ.

“ޝެލީ މި ތަނުގައި ތިޔަހެން އުޅޭތާ ކިހައި ދުވަހެއްވެއްޖެ؟”

“ވީ ކިހާދުވަހެއްކަމެއް ބުނާކަށް ނޭނގެ. އެކަމަކު މިހާރު ރީޝާ ކަހަލަ އެތައް ކުދިންނަކަށް މި ގޮތަށް ކާންދެވިއްޖެ.” އިސްދަށަށް ޖަހައިލަމުން ޝެލީ ބުންޏެވެ.

“އެތައް ކުދިންނަކަށޭ؟ ދެން އެ ކުދިންތައް މިހާރު ކޮބާ؟” އަހަންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.

“ތި ސުވާލަށް ދޭނެ ޖަވާބެއް ނޭނގެ. މި ތަނުގެ އަނިޔާވެރިކަމާއި ރަހުމުކުޑަކަމުގެ ނަތީޖާއެއްގެ ގޮތުން، ވަރަށް ގިނަ ކުދިން މޮޔަވެފައި ވެސް އެބަތިބި. މޮޔަނުވާ ކުދިން އެ މީހުން ހިތުހުރި ގޮތެއް ހަދައި، ބޭނުން ހުސްކޮށްލާފައި މަރާލަނީ. މޮޔަވާ ކުދިން ވެސް ރަނގަޅުވީމާ އަވަހަށް ގަދަފަދަ އަނިޔާތަކަކަށްފަހު މަރައިލާނެ.” ޝެލީއަށް ރޮވިއްޖެއެވެ.

“މި ތަނާބެހޭގޮތުން ޝެލީއަށް ލިބިފައިވާ މިންވަރަކުން، އަހަންނަށް މައުލޫމާތު ކޮޅެއް ދީފާނުތަ؟”

“ތިވާހަކަ ދައްކާކަށް ވަގުތެއް ނެތް. ކުރުގޮތަކަށް ބުނަންޏާ، ބުނެވެން އޮތީ މި ތަނަކީ އަނިޔާވެރިކަމާއި ފާޚިޝް ޢަމަލުތަކުން މުޑުދާރުވެ، ތަޣައްޔަރުވެފައިވާ ބިރުވެރި ތަނެކޭ. މި ތަނުގެ ވެރިޔާ، މިސްޓަރ ރޮބްސަންގެ ކަމަކީ، އޭނާގެ މުވައްޒަފުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައިގެން، ރީތި އަންހެން ކުދިންގެނެސް، އެ ކުދިންގެ އިއްފަތްތެރިކަން ފޭރިގަތުމަށްފަހު، އަނިޔާވެރި ގޮތަކަށް މަރާލުން. އަދި އެ ހިތްދަތި މަންޒަރު ބަލަން ހިނި އައިސްފައި އެ ޝައިޠާނާ އިންނާނެ. އަހަންނަށް އެނގިފައިވާގޮތުގައި، އެތައް ކުދިންނަކަށް މި ލިބޭ އިންސާފެއްނެތް އަނިޔާއަކީ، ހަމަ އެންމެ އަންހެންކުއްޖަކު ކުރި ކުށެއްގެ ސަޒާ.” އަހަރެންގެ އަނގަ ކައިރީގައި ހިކިފައި ހުރި ލޭތަކަށް ބަލައިލާފައި މިހެންބުނިއިރު، ޝެލީގެ މޫނުމަތިން ފެނިގެން ދިޔައީ ހިތްދަތި ކަމެވެ. އޭނާގެ ވާހަކަ އިވިފައި، އަހަރެންގެ ބިރުވެރިކަމުން ފުރިފައިވާ ހިތުގެ ބިރުވެރިކަން ދެ ގުނައަށް އެރިއެވެ.

“މި އަނިޔާވެރި ނަރަކައެއް ފަދަ ތަނުން އަހަރެން ސަލާމަތް ކޮށްދީ!” އަހަންނަށް ރޮވުނެވެ. ގަތް ބިރެއްގެ ބޮޑުކަމުން ޝެލީގާތު އާދޭސްކުރަން ފެށުނެވެ. އެހައި އަވަހަށް މަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކައިވެންޏެއް ކޮށްގެން، ދިރިއުޅެމެއް ފަށަން ބޭނުމެވެ. މަންމާއޭ ކިޔައި ގޮވައިލާނެ ކުއްޖަކު ދުނިޔެއަށް އުފަންކުރަން ބޭނުމެވެ.

“އަހަންނަށް ކޮށްދެވޭނީ ކޮންކަމެއް؟ އަހަންނަކީ ސާދަލައްބައިގެ ކޮޅުގައި އިންނަ މީހެއް! ރީޝާ ތިޔަ ހާލަތުގައި އިނީތީ، އެހީތެރިވާން ވަރަށް ބޮޑަށް ބޭނުން.”

“ތިޔަ ބުނީ ކީކޭ؟”

“މިތަނަށް ވައްދާ އެއްވެސް ކުއްޖަކު އަދި މި ވީތަނަކަށް ދިރިހުއްޓާ ނެރިފައެއް ނެތް.” ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް، ޝެލީ މިހެން ބުނުމާއެކު، އަހަންނަށް ހީވީ ބޮލުގައި މީހަކު ހަންމުށްޓަކުން ވަރުގަދަ އެތިފަހަރެއް އަލައިލިހެން ހީވިއެވެ.

“ނޫން ޝެލީ!” އަހަންނަށް ބާރަށް ރޮއި ގަނެވުނެވެ. ހަމައެއާއެކު ޝެލީގެ ހާމަކަންބޮޑު ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. “އާދޭސްކޮށްފައި ބުނަން! އަހަރެން މި ޖަހަންނަމައިން ސަލާމަތްކޮށްދީ! އެ ގަދަފަދަ އަނިޔާތަކަށް ކެތްކުރާހައި ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް!” އަހަރެން ރޮއިރޮއިފައި އާދޭސްކުރަމުން ގެންދިޔައިރު، ޝެލީއަކަށް ރުއިން ފިޔަވާ ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

“ރުއިމުގެ ފައިދާއެއް ނެތް! ދެން އޮތީ ކެތްތެރިވެލުން! އަނިޔާވެރިކަމަކީ އަބަދަށް ދެމިއޮންނާނޭ ކަމެއްނޫން. ކޮންމެ މީހަކީ ވެސް ކޮންމެވެސް އެއް ދުވަހަކުން މަރުގެރަހަ ދެކޭނޭ މީހެއް.” ޝެލީ އަހަންނަށް ނަސޭހަތްތެރިވަމުން ގެންދިޔައިރު، އޭނާގެ އަޑު ތުރުތުރުއަޅައެވެ. “ވާހަކައެއް އަހާލަންތަ؟”

“އާނ….!” ޝެލީގެ ކޮނޑުމަތިން ބޯހިއްލައިލައިފައި، އޭނާގެ ކަރުނައިން ފުރިފައިވާ ދެ ލޮލަށް އަހަރެން ބަލައިލީމެވެ. “އާދަޔާޚިލާފު އެއްވެސް މަންޒަރެއް މި ތަނަށް ވެއްދިފަހުން ފެނިއްޖެތަ؟”

“ތިބުނީ؟”

“މި ބުނީ މިތަނުގެ އަނިޔާވެރިކަމުގެ އެއްވެސް ކަމެއް ފެނިއްޖެހޭ؟”

‘އާނ! އަހަރެން މި ތަނަށް ވައްދާފައި ދެއްކީ، ޒުވާން އަންހެން ކުއްޖެއްގެ ޢިއްފަތްތެރިކަން ވަރަށް އަނިޔާވެރި ގޮތަކަށް ފޭރިގެންފައި ގަތުލުކޮށްލި މަންޒަރު” އަހަރެންގެ މި ޖުމުލަ އިވިފައި، ޝެލީ ވަގުތުން ހުއްޓުން އަރައިފިއެވެ. ނަޒަރު ހުއްޓިފައިވަނީ، ކުރިމަތިން ފެންނާންހުރި ބިއްލޫރި ފާރަށެވެ.

ޝެލީއަށް ވެފައި އިންގޮތް ފެނިފައި، އަހަރެންގެ ހިތުގެ ބިރުވެރިކަން ބޮޑުވިއެވެ. އަވަސް އަވަހަށް އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިގެންފީމެވެ.

“ކީހިނެއްވީ؟”

“ކަމެއް ނުވޭ!”

“ތީ ދޮގެއް. ކޮންމެވެސް ކަމެއް ވެއްޖެ!” އަހަންނަށް ރޮވިއްޖެއެވެ. އާދޭސްކުރަން ފެށީމެވެ. ތަކުރާރުކޮށް އަހަން ފެށީމެވެ. އެންމެ ފަހުން ޝެލީއަށް ވެސް ރޮވިއްޖެއެވެ. އޭނާ އަހަންނާ ހަތަރުކަޅި ހަމަކޮށްލިއެވެ.

“ނުބުނަން ވަރަށް ހިތްވަރު ކޮށްފިން! އެކަމަކު….. ރީޝާގެ ދިރިހުރުމާމެދު މިހާރު ވަރަށް އުއްމީދު ކުޑަ.” އަހަރެންގެ ކަންފަތުގައި އެ ޖުމުލަ ގުގުމާން ފެށިއެވެ. ގަތް ބިރެއްގެ ބޮޑުކަމުން، އަނގައިން ވެސް ބުނެވުނީ އިރުކޮޅެއް ފަހުންނެވެ.

“ޝެލީ! ބުނޭ ތީ ދޮގެކޭ! ބުނޭ!” ރޮމުން މޮޔައަކު ފަދައިން ޝެލީގެ ގައިގައި އަހަންނަށް ތަޅަންފެށުނެވެ. ޝެލީ އެއްވެސް އެއްޗެއް ނުބުނެވެ. އަހަންނާ ބައިވެރިވެގެން، ރުއިން ފިޔަވައި އިތުރު ކަމެއް އޭނާ ވެސް ނުކުރެއެވެ.

“ޝެލީ! އަހަރެން ދެން ކިހިނެއް ހަދާނީ؟ މަރުވުން ނޫން ގޮތެއް އަހަންނަކަށް ދެން ނެތް ދޯ!”

“އެންމެ ފުރަތަމަ މި އިން އެތިކޮޅެއް ކައިލާ! އޭރުން  ރަނގަޅު ޚިޔާލެއް ދޭނަން.” އަހަރެން ރޮއިރޮއިފައި އެތައް އާދޭހެއް ކުރިފަހުން ޝެލީ ބުންޏެވެ. ޝެލީގެ އެ ވާހަކައިން އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ވަރަށް ބޮޑު ފަރުވާއެއް ލިބުނެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްފައި، އެއިން ކާއެތިކޮޅެއް ކެވޭތޯ މަސައްކަތް ކުރީމެވެ.

(ނުނިމޭ)

  1. ވަރަށް ރީތި ވާހަކައެއް މިއީ.. ވަރަށް މޮޅު މިވާހަކަ ލިޔާ މީހާ. ވަރަށް ހުނަރުވެރި 👏🏽👏🏽👏🏽

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!