ވާހަކަ: ކަޅުވިލާ – މުހައްމަދު ޤާސިމް

(ހޯމަދުވަހުގެ ބަޔާ ގުޅޭ)

ޝެލީގެ އެ ވާހަކައިން އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ވަރަށް ބޮޑު ފަރުވާއެއް ލިބުނެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްފައި، އެއިން ކާއެތިކޮޅެއް ކެވޭތޯ މަސައްކަތް ކުރީމެވެ. ކާއެތިކޮޅެއް އަނގައިގައި ޖެހުމާއެކު، އަނގައިން ދިލަނަގައިގަތެވެ. ރަހަ ނުބައިކަމުން ހޮޑުނުލެވުނީ ވެސް ހަމަ ކިރިޔާއެވެ. ގަދަކަމުން މަރަށް ފުރާނައަށް ކޮންމެވެސް ވަރެއް ކޮށްލެވުނެވެ. ކައި ނިމުމާއެކު ސާމާނުކޮޅު ހިފައިގެން ޝެލީ ހިނގައިގެންފިއެވެ. މި ތަންފެނިފައި އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަނެއްކާވެސް ރޮއިގެންފައި އާދޭސްމަތިން އާދޭސްކުރަން ފަށައިފީމެވެ. ޖަވާބުގައި އަހަންނަށް ފެނުނީ، އޭނާގެ ދެ ލޮލުން އޮހިގަތް ކަރުނައިގެ ތިކިތަކެވެ. އޭނާ ބާރުބާރަށް ހިނގާފައި ގޮސް، ފޮށިގަނޑުގެ ތެރެއަށް ވަދެއްޖެއެވެ.

ޝެލީ ދިއުމުން ދެ ލޮލުން ކަރުނަ ހުސްވާންދެން ރުއިމަށް ގަސްދުކޮށް، އެތައް އިރަކު އަހަރެން ރުއީމެވެ. ޝެލީއަކީ ވެސް މި ތަނުގެ އެންމެ ދަށްފެންވަރުގެ ނޯކަރެކެވެ. ވީއިރު އޭނާއަށް މި ފަދަ ތަނަކުން މީހަކު ސަލާމަތް ކޮށްދެވޭނީ ކޮންފަދަ އަކުން ހެއްޔެވެ؟ އޭނާ އެހެން އެ ބުނީ އަހަންނަށް ކާންދޭންވެގެންނެވެ. އެހެންނޫންނަމަ މިހައި އެތިކޮޅެއް ވެސް ނުކެވުނީސްކަން ކަށަވަރެވެ.

ގިނައިރުވާން ފެށުމުން، އަނެއްކާވެސް ތަޅުންގަނޑުމަތީގައި އޮށޯތީއެވެ. މިހާރު ދެން އަހަރެންގެ ހިތް ފުނޑުފުނޑު ނުވާކަމެވެ. ހިތަށް އަރައި ފައިބަމުން ދާހައި އެއްޗެހިތަކެއް ބުނެދޭން ވެސް ނޭނގެއެވެ. އަބަދުވެސް ހީވަނީ ކުރިމަތީގައި ހުރެގެން އަނިޔާވެރި އަތަކުން ހަނާއަޅަމުން ގެންދާހެންނެވެ. މި ފަދަ ހާލެއްގައި އޮއްވާ، މަޑުމަޑުން ގޮސް ލޯ މެރިއްޖެއެވެ.

ހުވަފެނުން އަހަންނަށް ފެނުނީ މަންމައެވެ. މަންމަ އަހަންނަށް ހިތްވަރުދޭތަނެވެ. ފިނޑި ނުވުމަށެވެ. އެންމެފަހު ނޭވާއާ ހަމައަށް ވެސް މަސައްކަތް ކުރުމަށެވެ. ސަލާމަތްވެވެން އޮތް ގޮތަކުން ސަލާމަތްވެވޭތޯ ހިންމަތް ކުރުމަށެވެ. ރޯން އޮވެގެން ވާނެ އެއްވެސް ފައިދާއެއް ނެތްކަން ހަނދާންކޮށްދެމުންނެވެ. އަހަންނަށް ހޭލެވުނުއިރު، މަންމަގެ މި ޖުމުލަތައް ކަންފަތުގައި ގުގުމަމުންދެއެވެ. އަހަރެން ފުންމައިގެން ތެދުވެއްޖައީމެވެ. އޭރު އަހަރެންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ވަނީ ލޮލުގެ ތެރެއަށް ހިނދިފައެވެ.

އަހަރެން ވިސްނަން ފެށީމެވެ. ސަލާމަތްވާނޭ މަގެއް ފެނޭތޯއެވެ. ހުވަފެނުގައި މަންމަ އައިސް އަހަންނާ ބައްދަލުކޮށް، ދިން ހިތްވަރުގެ ބަސްތަކުން ހިތްވަރު ލިބިގަންނަމުންނެވެ. ވަރަށް ގިނަ ގޮތްގޮތަށް ވިސްނައިފީމެވެ. އަލިމަގެއް ނުފެނުނެވެ. އަނެއްކާވެސް ދެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. އެހެންނަމަވެސް އަދި މި ވަރުން ހަތިޔާރު ބަހައްޓާހިތެއް ނުވިއެވެ. އަނެއްކާވެސް ފިކުރުކުރަން ފަށައިފީމެވެ. އެތައް އިރަކު ކުރި ފިކުރުތަކަށްފަހު، އަހަރެންގެ ހަނދާނަށް އައީ ޝެލީ ބުނި ޖުމުލައެކެވެ. އޭނާ ބުނިގޮތުން ވިއްޔާ މޮޔަވެފައި ތިބި ކުދިން މި ތަނުގައި އެބައުޅެއެވެ. އެ ކުދިންނަށް މަރުގެ ސަޒާދެވެނީ ރަނގަޅު ވުމުންނެވެ.

މި ހަނދާން އައުމާއެކު، އަހަރެން ވެސް މޮޔަވަނިކޮށް، އަދި ދުވަސްކޮޅަކު ސަލާމަތުން ދުނިޔޭގައި ހުރެވިދާނޭހެން ހީވެއްޖެއެވެ. އެކަމަކު އަހަރެން މޮޔައެއް ވެސް ނުވިއެވެ. ވީއިރު މިއީ ވެސް އަދި ރަނގަޅު ޚިޔާލެއް ނޫންތާއެވެ. މޮޔަވާނޭ ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟

އެންމެ ފަހުން އަހަރެން ގަސްދުކުރީ މޮޔައަކަށް ވާށެވެ. އަމިއްލައަށް މޮޔައަކަށް ވެގެން އުޅޭށެވެ. މަރުވާންދެން ވެސް މޮޔައަކަށް ވެގެން  އުޅޭށެވެ. އެކަމަކު މޮޔައިން އުޅެނީ ކިހިނެއްކަމެއް ނޭނގެއެވެ. އަހަރެން އަދި ދުވަހަކު ވެސް މޮޔައަކު ނުދެކެމެވެ. މޮޔައިންނަކީ ބުއްދި ސަލާމަތުން ނުހުންނަ މީހުންނަށް ދެވޭ ނަމެކެވެ. ވީއިރު އެ މީހުންގެ ވާހަކަތަކާއި އަމަލުތައް ވެސް ހުންނާނީ ތަފާތު ގޮތަކަށެވެ.

ދެން އަހަރެން ވިސްނަންފެށީ، މޮޔައަކަށް ވެގެންކަން ކުރާނޭ ގޮތްތަކާމެދުގައެވެ. ވާހަކަދައްކާނޭ ގޮތަކާ މެދުގައެވެ.

އަހަރެން މޮޔަވީ ކޮންކަމަކު ހެއްޔެވެ؟

އަދިވެސް އަހަރެން މި އޮތީ ހަމަ އެ ތަނުގައެވެ. އެއްވެސް މީހަކާ ބައްދަލުނުވާތާ ގާތްގަނޑަކަށް ސައުވީސްގަޑިއެއްހައި އިރު ވެދާނެއެވެ. ކުޑައިރުކޮޅަކު ނިދާ ވެސް ލެވިއްޖެއެވެ.

މިހެން ފެންނުވަރާ އުޅެއުޅެ ގައިން ފާޑެއްގެ ނުބައިވަހެއް ދުވަން ފަށައިފިއެވެ. އެހެންކަމުން ފާޑަކަށް މޭ ނުބައިކުރާގޮތް ވެސް ވާން ފަށައިފިއެވެ. އެކަމަކު ހޮޑެއް ނުލެވެއެވެ. ހޮޑަށްލާނޭ އެއްޗެއް އެތެރެހަށީގައި ނެތީ ތޯއްޗެކެވެ. ބަނޑުހައިވެފައި ވާލެއް ބޮޑުކަމުން، ބޮލަށް އެނބުރުން އަރާން ވެސް ފަށައިފިއެވެ. މުޅިހަށިގަނޑުން ފާޑެއްގެ ދިލައެއް ވެސް ނަގައެވެ.

އިރުކޮޅަކުން ބަޔަކު ހިނގާއަޑު އިވިގެން، ކުއްލިއަކަށް ލޯހުޅުވާ ބަލައިލިއިރު، އަހަންނާ ދިމާއަށް ރޮބްސަނާއި، އަދިވެސް އެހެން ދެ މީހަކު އަންނަތަން ފެނުނެވެ. އަހަރެންގެ ހިތް ބާރު ބާރަށް ތެޅިގަތެވެ. ނަމަވެސް ފިނޑިނުވުމަށް އަޒުމު ކަނޑައަޅައިގެން، ކަޅި ވެސް ޖަހައިނުލައި އެ މީހުން އަރައިގެން ތިބި ބޫޓަށް ބަލަން އެ އޮތްގޮތަށް އޮތީއެވެ. އެ ތިން މީހުން އައިގޮތަށް އައިސް އަޅުގަނޑާއި ހަމަ ދާދިގާތުގައި ހުއްޓިއްޖެއެވެ. އެއިން އެކެއްގެ މޫނަކަށް ވެސް އަހަރެން ބަލައެއް ނުލަމެވެ.

އަހަރެން އެ ގޮތަށް އޮންނާން ފެށުމުން، އެ މީހުންނަށް ކަމުނުދިޔައީ ކަންނޭނގެއެވެ. އެ ތަނުން އެކަކު އެނާ އަރައިގެން ހުރި ބަރު ބޫޓުން ތަޅުންގަނޑުގައި ވަރަށް ބާރަށް  ޖަހައިފިއެވެ. މުޅި ތަނަށް އަޑުފަށްގަނޑު އަރައިގެން ދިއުމާއެކު، އަހަރެން ވެސް ދިޔައީ ސިއްސައިގެންނެވެ. ހަމަ އެ ވަގުތު ޕަކަޕަކައަޅާފައި އަހަރެން ހީނގެންފީމެވެ. އަދި ވަރަށް ހިތްވަރުކޮށްފައި، ފުންމައިގެން ތެދުވެއްޖައީމެވެ. ނަމަވެސް ކޮޅަށް ހުރެވުނީ ހަމަ ހިތްވަރަށެވެ. ވާގޮތްތަކެއް ނުވެސް އެނގެއެވެ. އެ ގޮތަށް ހުރިއިރު ވެސް އަހަރެން ހަމަހެނީއެވެ.

އެ މީހުން ތިބީ ފާޑަކަށް އަހަންނާ ދިމާއަށް ބަލާށެވެ. އިރުކޮޅަކުން ތުންފަތްމަތީގައި ދުވެލީ ނުބައިފާޑެއްގެ ހިނިތުންވުމެކެވެ. އަހަރެން މޮޔަވުމުން އެ މީހުން އުފާވީ ކަންނޭނގެއެވެ.

އެ ގޮތަށް ހީނހީނ އަހަންނަށް ހުރެވުނީ ކުޑަ ވަގުތުކޮޅަކުއެވެ. އަޑު ބަދަލުވެގެން ދިޔައީ ރުއިމަށެވެ. އެއްވެސް އިޚުތިޔާރަކާ ނުލައި ރޮވުނީއެވެ. ނަމަވެސް ވަރަށް މަސައްކަތުން އަނެއްކާވެސް ހިނިއަންނަގޮތް ދައްކާލައިފީމެވެ. އިރުކޮޅަކުން ރޮބްސަން އަހަރެންގެ ގާތަށް ޖެހިލާފައި އަހަރެންގެ އަތުގައި ހިފަހައްޓައިފިއެވެ.

“އޭތް ! ކީއްވެގެން ތިޔަ އުޅެނީ؟” ރުޅިވެރިކަމާއެކު ބަރުއަޑުން ރޮބްސަން ހަޅޭއްލަވައިގަތެވެ.

“ކަލޭ ތީކާކު؟ ކަލެއާ ބެހޭކަމެއް ނޫން! އަހަރެންގެ އަތުން ހަމަ މިހާރު ދޫކޮށްލާ! އަހަންނަކީ މިތަނުގެ ވެރިމީހާ! މިތަނުގެ ބޮސް! ކަލޭމެން ހުރިހާ މީހުންނަކީ ވެސް އަހަރެންގެ ނޯކަރުން.” ވަރަށް ބިރުން ހުރެ އެހެންނަމަވެސް ހަމަނުޖެހޭގޮތް ދެއްކޭތޯ މަސައްކަތްކުރަމުން، ހަޅޭއްލަވައިގެންފައި ރޮބްސަންގެ އަތުން އަތްދަމައިގަތީމެވެ. އެއަށްފަހު އަނެއްކާ ވެސް ފެށީ ހޭށެވެ.

“މީނާ މިހިރީ މޮޔަވެފައި ކަންނޭނގެ!” އެތަނުން މީހަކު ބުނިއަޑު އިވުނެވެ.

“މޮޔައީ ކަލޭމެން! ތިޔައީ  ތިން މޮޔައިން! މީ އެންމެ ބޮޑުމޮޔަ!” ރޮބްސަންގެ ނުރަ ތުނބުޅީގައި ހިފައި ވަރަށް ބާރަށް ލަތްކެއްޖަހާފައި އަހަރެން ބުނީމެވެ. ބިރުން ހުރެއެވެ. އަހަންނަށް  ކުރެވުނު ކުށުގެ ހައްގު އިނާމު ދިނުމަށް ޓަކައި އެ ތަނުން މީހަކު ވަގުތުން އުޅެގަތެވެ. ނަމަވެސް ރޮބްސަން އެކަން މަނާކުރިއެވެ.

“މީނާ ގެންގޮސް މޮޔައިންގެ ޖަލަށްލާ! އޭނާ ރަނގަޅުވުމުން އޭނާ އެ ކުރި ކުށުގެ ފުރިހަމަ އަދަބުދެވޭނެ. އެކަމަކު މިހާރު އެއްވެސް އަދަބެއް ދީގެންނުވާނެ!” ރޮބްސަން އަމުރުކުރީ މޮޔައިންގެ ޖަލަށް އަހަރެން ގެންދިއުމަށެވެ. އެ މީހުން އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

“ނޫން! ނޫން! ތިޔަ ހެން ނަހަދާ! އަހަރެން ޖަލަށް ނުލާ!” އަހަންނަށް ހަމަ ހަގީގަތުގައި ވެސް ރޮވުނީއެވެ. ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. އެހެންނަމަވެސް ގަދަކަމުން ކަހަލަ ގޮތަކަށް އަނެއްކާ ވެސް ހީނގެންފީމެވެ. އެ މީހުންގެ އަތުން އަތް ފޮޅުވާލަމުންނެވެ. އެ ވަގުތު އެ ތަނުގައި ތިބި މީހުން އަނެއްކާވެސް  އަހަރެންގެ އަތުގައި ހިފަހައްޓައިފިއެވެ.

“ހަމަ މިހާރު އަހަރެންގެ އަތުން ދޫކޮށްލާ!” އަހަރެން ރުޅިއައިގޮތް ދައްކާފައި، ދެ ފަހަރު ދެ މީހުންގެ އަތް މަތީގައި ޖަހައިފީމެވެ. އޭރު އަހަރެންގެ ހިތް އެތެރެހަށީގައި އޮވެގެން ރޮއި ހޭރެމުން ދެއެވެ. އެކަމަކު ބޭރުފުށުން އެކަން ނުދައްކާވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ.

އަހަރެން މަސައްކަތް ކުރީ އެ މީހުންގެ އަތްދަށުން ސަލާމަތްވެވޭތޯއެވެ. އެހެނަސް އެކަން ވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަމިއްލަ ހަށިގަނޑު ހިފަހައްޓާލައިހައި ވަރުވެސް އަހަރެންގެ ކިބަޔަކު ނެތެވެ.

އެ ދެ މީހުން އަހަރެން ދަމާކަހާފައި ކަހަލަ ގޮތަކަށް ގެންގޮސް މައްޗަށްއަރަން ހުރި ފޮށިގަނޑު ތެރެއަށް ލުމާއެކު ދަތުރުފެށުނީއެވެ. އިރާދަކުރެއްވީތީ ޝެލީ ބުނިގޮތެއް ވެސް ނުވިއެވެ. މި ފަހަރު މި ނިކަމެތި ރީޝާ މި ތަނުން މި ނިކުންނަނީ އިއްޒަތާއި އަބުރު ރައްކާތެރި ކަމާއެކު ބާއްވައިގެންނެވެ. ހަށިގަނޑުގައި ފުރާނަ ވެސް އެބަހުއްޓެވެ. ފަހުންވާނީ ކިހިނެއްކަމެއް ނޭނގެއެވެ.

މި ފަހަރުގެ ދަތުރު އެހެން ފަހަރުފަހަރުގެ ދަތުރުތަކާ މުޅިން ތަފާތެވެ. އެހެން ފަހަރުފަހަރު އަހަންނަށް ހުންނަން ޖެހެނީ ކަނު އަނދިރީގެ ތެރޭގައެވެ. މި ފަހަރު މަގުތައް އައްޔެވެ. ބަލާނެވަރަކަށް ބަލަން ހުރިހައި ތަނެއް ވެސް ފެންނަން އެބަހުއްޓެވެ. ފެންނަ ބައެއް މަންޒަރުތައް ބަލަން ޖެހުނީ ވަރަށް އަސަރާއެކުގައެވެ. އެއިރުވެސް އަހަރެން މަސައްކަތްކުރަމުން ގެންދިޔައީ ހަމަނުޖެހޭ މީހެއްގެ ގިންތީގައި ފައި ހަމަކުރެވޭތޯއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!