ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކު އެކި ފަހަރު މަތިން ރޭޕް ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އެ ދެ މީހުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިންކާރުކޮށްފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވީ އެ ކުއްޖާ ރޭޕްކޮށްފައި ހުރިކަން އެ ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް އެނގުމުން އެކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ކާފަ، އިބްރާހިމް ދީދީ، 62 އާއި މުނިކާފަ ހަސަން މޫސާ ދިދީ، 82 އަދި ކުއްޖާގެ ބައްޕައެވެ. މީގެ ތެރެއިން ކާފައަކީ ރަށު މިސްކިތުގެ ކުރީގެ މުދިމެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެ ދެ މީހުންގެ މައްސަލައިގެ އިބްތިދާއި އަޑުއެހުމެއް ފެބްރުއަރީ 24ގައި ކްރިމިނަލް ކޯޓުގައި ބޭއްވިއެވެ. ޕީޖީ އޮފީހުން ބުނީ، ސިއްރު މައްސަލައެއްގެ ގޮތުގައި ކުރިޔަށް ދިޔަ އެ އަޑުއެހުމުގައި އެ ދެމީހުން ވެސް ދައުވާއަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އަޑުއެހުމުގައި ދެ މީހުން ވެސް ވަނީ ވަކީލުން ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފައެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން މާޗް 16 ވަނަ ދުވަހު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވެއެވެ. ވަކީލަކާއެކު ބޭއްވި އެ އަޑުއެހުމުގައިވެސް ދައުލަތުން އުފުލާފައިވާ ދައުވާއަށް އެމީހުން އިންކާރު ކުރީއެވެ.