އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާފަރު އެއާޕޯޓު ބޭނުންކުރާނީ ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ގްރައުންޑް އޮޕްރޭޝަންސް އަހުމަދު އިބްރާހިމް ވިދާޅުވީ، މާފަރު އެއާޕޯޓުގެ އިންޓަނޭޝަނަލް އޮޕަރޭޝަނަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށާއި، ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އެއާޕޯޓް ބޭނުން ކުރަން ފަށާނީ ފުލީ ފަންކްޝަނަލް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މާފަރު އެއާޕޯޓު ހުޅުވައި ދަތުރުތައް ފެށިއިރު، މިހާތަނަށްވެސް އެ އެއާޕޯޓު ބޭނުންކުރަމުން އައިސްފައިވަނީ އެތެރޭގެ އުދުހުންތަކަށް އެކަންޏެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.
މޯލްޑިވިއަނުން ދަނީ ރާއްޖޭގެ 4 އެއަރޕޯޓެއް މެނޭޖްކުރަމުންނެވެ. އެއީ ތިމަރަފުށި އެއަރޕޯޓާއި އިފުރު އެއަރޕޯޓާއި، ދަރަވަންދޫ އެއަރޕޯޓާއި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރމަހުގެ ތެރޭގައެވެ. އަދި މިހާތަނަށް މިއެއަރޕޯޓު ހިންގަމުން އައިސްފައިވަނީ ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައެވެ.