އިންޓަނެޓު ބޭނުންކޮށްގެން ކުޑަކުދިން ގްރޫމް ކުރުން, ހައްލާލުން ނުވަތަ ރުއްސުވައިގެން ޖިންސީ ކަންކަމުގައި ޝާމިލްކުރާ މައްސަލަތައް އިތުރުވަމުން އަންނާތީ ސަމާލުވާން ޖެންޑާ މިނިސްޓްރީން އެދިއްޖެއެވެ.
ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިން ގްރޫމް ކުރުން ނުވަތަ ހައްލާލައިގެން ގާތްވާން އުޅުމުގެ ކަންކަން ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމަށާއި، މިއީ ސަމާލުވާން ޖެހޭ ފަދަ ބޮޑު މައްސަލައެއް ކަމަށެވެ.
އެހެން ކަމުން މިހާރަށްވުރެ ބޮޑަށް ބެލެނިވެރިން މިކަންކަމަށް ފާރަވެރިވެ ކުޑަކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އަދި ޝައްކުވާ ކަހަލަ އެއްވެސް ކަމެއް ހިނގާނަމަ، ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
“މައުސޫމް ކުދިންތަކެއް މި ދަލުގައި ޖެހިދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.
މި މަހުގެ 10 ވަނަ ދުވަހު 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މާލޭގެ ގެސްޓްހައުސް އަކަށް ގެންގޮސް ރޭޕް ކުރި މައްސަލައެއްގައި 38 އަހަރުގެ ހއ. ބާރަށު، ސިލްސިލާގޭ، އަނީސް ހިލްމީ ވަނީ ހައްޔަރުކޮށްފަ އެވެ.