އައްޑޫގައި ކޯވިޑް-19އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އެހޮސްޕިޓަލުން ވިދާޅުވީ ކޯވިޑްގެ ވައިރަސް ހަށިގަނޑުގައި ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރް ޓެސްޓު އެހޮސްޕިޓަލުގައި ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާކަަމަށެވެ. އެގޮތުން މިހާރު ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ހޮސްޕިޓަލަށް ލިބިފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އައްޑޫއަކީ މާލެ ފިޔަވާ ރާއްޖޭގެ އެހެން ސަރަޙައްދަކުން ކޯވިޑަށް ޓެސްޓުކުރަން ފެށި ފުރަތަމަ ސިޓީއެވެ.
މާލެއިން އައްޑޫ ސިޓީއަށް ދަތުރުކޮށް، ޓްރާންސިޓް ކަރަންޓީނުގައި ހުރި މީހަކު މިދިޔަ ހުކުރު ދުވަހު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުން ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ.
ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު ރިސޯޓުގައި ކަރަންޓީނުކޮށްފައި ހުރި 65 އަހަރުގެ ދިވެހި އަންހެނެކެވެ.