ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ 4 ދުވަހު 4 ގަޑިއިރަށް

އައު އާއްމު ހާލަތުގައި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކު ހަތަރު ގަޑިއިރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ވަނީ ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހުކަމަށާއި ފަސް ވަނަ ދުވަހު ސްކޫލަށް ޓީޗަރުން ހާޒިރުވެ ކިޔަވައިދޭނެ ބައިތައް ތައްޔާރު ކުރާނެކަމަށެވެ. މިއީ ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް ގެންނަ ބަދަލެއް ކަމަށް ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ލިބުނުހާ އަވަހަކަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ކިޔަވައިދިނުމަށް ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުރިން ކިޔަވައިދެމުން އައި ގޮތާ ތަފާތުކޮށް ކަންކަން ތަރުތީބުކުރަން ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލުތައް އަލުން ހުޅުވާލުން ބަހާލާފައި ވަނީ ތިން ކެޓެގަރީއަކަށެވެ. އެގޮތުން ފުރަތަމަ ކެޓެގަރީގައި ލޮކްޑައުންގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ވެސް ބަންދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކީީސްޓޭޖް ހަތަރެއް އަދި ފަހެއް ގެ ދަރިވަރުންނަށް އެކަނި ކިޔަވައިދޭން ނިންމާފައިވާއިރު ކޮވިޑް-19 ގެ ކޭސްތައް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭނެކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ކޮންމެ ދުވަހަކު ވެސް ގިނަވެގެން ކިޔަވައިދެވޭނީ ހަތަރު މާއްދާ ކަމަށްވާއިރު، ކްލާސްރޫމުގައި ކިޔަވައިނުދެވޭ ބައިތައް ފުރިހަމަކުރަން ގޫގުލް ކްލާސްރޫމް ބޭނުން ކުރަންޖެހެއެވެ. އެގޮތުން ކޮންމެ ދެ ހަފުތާއިން އެއް ހަފްތާގައި ޓީޗަރުންނަށް އޮންލައިން ކްލާސްތައް ވެސް ބާއްވާނެ އެވެ.

ކީ ސްޓޭޖް 1 (ގްރޭޑު 3،2،1،) އަދި ކީ ސްޓޭޖް 2 (ގްރޭޑު 6،5،4)

– މި ގްރޭޑުތަކަށް ހަފުތާއަކު ސްކޫލުގައި ކިޔަވައިދޭނީ 19 ޕީރިއަޑެވެ.
– މި ސްޓޭޖްގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް ހަފުތާއަކު ފަސް ސެޝަން ނަގައިދޭނެއެވެ.

ކީ ސްޓޭޖް 3 (ގްރޭޑު 8،7)

– މި ގްރޭޑުތަކަށް ހަފުތާއަކު ކިޔަވައިދޭން ހަމަޖައްސާފައިވަނީ 18 ޕީރިއަޑެވެ.

ކީ ސްޓޭޖް 4 (ގްރޭޑު 10،9)

– މި ސްޓޭޖްގެ ދަރިވަރުން ކިޔަވަމުން އަންނަ ކެމްބްރިޖް ސިލަބަސް ބުނާގޮތުން، ގްރޭޑު 9 އަދި 10 ގައި ކޮންމެ މާއްދާއަކުން ވެސް ޖުމްލަ 180 ގަޑިއިރު ހަމަކުރަން ޖެހޭނެއެވެ.

ކީ ސްޓޭޖް 5 (ގްރޭޑު 11، 12)

– މި ގްރޭޑުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ އެޑެކްސެލް އޭ ލެވެލް ސިލަބަސްގައިވާ ގޮތުން، ދެ އަހަރުގެ ތެރޭގައި ކޮންމެ މާއްދާއަކުން ވެސް 230 ގަޑިއިރު ހަމަކުރަން ޖެހޭނެއެވެ.
– ކީ ސްޓޭޖް 4 އަދި 5 ގެ ދަރިވަރުންނަށް ޓެލިކިލާސް އިން ކޮންމެ ހަފުތާއަކު ވެސް ދެ ސެޝަން ނަގައިދޭނެއެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގައިދުރުކަން ބެހެއްޓުމާއެކު ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަންކަން ހަމަޖެއްސުމަށްވެސް ސްކޫލްތަކަށް އަންގާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާލުވީ ސްކޫލަށް ހާޒިރުވާން ޖެހޭ ދަރިވަރުންނާއި ހާޒިރުވާން ނުޖެހޭ ދަރިވަރުން، ޓެލިކިލާސްތަކާއި ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިންކޮށް ކިޔަވައިދޭ ސެޝަންތަކުގައި ބައިވެރިވާންވާނެކަމަށެވެ. އަދި މި ދަރިވަރުންގެ ހާޒިރީވެސް މާކް ކުރަންޖެހޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސްކޫލްތަކަށް އައު އާއްމު ހާލަތުގައި ސްކޫލްތައް ހުޅުވާ ކިޔވައިދިނުމަށް ތައްޔާރުވާން އަންގާފައެވެ. އަދި ސަރުކާރުންވެސް ވަނީ އަންނަމަހު ސްކޫލްތަކުގައި ކިޔަވައިދިނުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!