އެމްޑީޕީގެ އެކްޓިވިސްޓަކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާ މަގުމަތީން ދިމާކޮށް އަވަގުރާނަ ގޮވައިފި ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާދީފައިވާ ކަމަށެވެ. ދެ ބޭފުޅުންނަށް ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންވައިގެން އުޅުއްވަނިކޮށެވެ.
ނަމަވެސް އެ ދިން ހަމަލާގެ ތަފްސީލެއް ޑރ. ވަހީދު ވިދާޅެއް ނުވެ އެވެ.
އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެ، ޑރ. ވަހީދު ވިދާޅުވީ އެ ސަރަހައްދުގައި ތިބި އެހެން މީހުންނަށް ވެސް އެ މަންޒަރު ފެންނާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.