ބީއެމްއެލްގެ އެތައް ސަތޭކަ ކާޑެއްގެ މައުލޫމާތެއް ލީކް ކޮށްލައިފި

ބޭންކް އޮފް މޯލްޑިވްސްއިން ދެމުން ގެންދާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މައުލޫމާތު ކަމަށް ބުނެ 500 އަށް ވުރެ ގިނަ ކާޑުގެ މައުލޫމާތު ޑާކްވެބްގައި ލީކް ކޮށްލައިފިއެވެ. އާންމުކޮށް ޑާކް ވެބްގައި ލީކް ކޮށްލަނީ ހެކަރުންނަށް ލިބިފައިވާ މައުލޫމާތުގެ ތެރެއިން މަދު މިންވަރެކެވެ. އެހެންކަމުން ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ލީކު ވެފައިވާ މިންވަރެއް ޔަގީން ކޮށް ބުނަން ދައްޗެވެ.

މިހާރު ސޯޝަލްމީޑިއާ ބައެއް ޕްލެޓްފޯމް ތަކުގައިވެސް މި މައުލޫމާތުތައް ދައުރުވަމުން އެބަދެއެވެ.

ލީކްވެފައިވާ ކަމަށް ބުނާ ކާޑުގެ މައުލޫމާތު ތަކުގެ ތެރެއިން ބައެއް

ހާމަ ވެފައިވާ ބައެއް މައުލޫމާތު ތަކަށް ބަލާއިރު، ކާޑުގެ ވެރިފަރާތުގެ ނަމާއި ކާޑު ނަންބަރާއި ކާޑުގެ ބާވަތާއި ބެލެންސްވެސް ހިމެނެއެވެ. މީގެ އިތުރުން ލީކްވެފައި ވަނީ ކޮންމައުލޫމާތު ތަކެއް ކަމެއް ސާފެއް ނުވެއެވެ. ލީކް ކޮށްލާއިރު ހުރިހާ މައުލޫމާތެއް ލީކް ކޮށް ނުލާތީ ހެކަރުންގެ އަތުގައި ހުރީ ކިހާ މައުލޫމާތެއް ކަން ނޭނގެއެވެ.

ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން އެމީހުން ލޮކްޑައުންގައި މާލޭގައި ތިއްބައި އެހެން ގައުމުތަކުން އެމީހުންގެ ކާޑު ބޭނުންކޮށް ޓްރާންސެކްޝަން ހަދަމުން ދާ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ.

ސޯޝަލް މީޑިޔާގައި ބީއެމްއެލްގެ ލީކާއި ގުޅިގެން މީހުން ކުރަމުންދާ ޝަކުވާތަކުގެ ތެރެއިން

މީގެ ކުރިންވެސް އެތައް ބައެއްގެ އެތައް ހާސް ރުފިޔާއެއް ބީއެމްއެލް އިން ދޫކުރާ ކާޑްތައް މެދުވެރިކޮށް އެކައުންޓުގައި ހުންނަ ލާރިކޮޅު އެހެން ފަރާތަކުން ނެގުމުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. މިއިން ކޮންމެ ފަހަރަކު ކާޑާއި ޕިން ނަމްބަރު ކާޑުގެ ވެރި ފަރާތުގައި އޮންނަ އެއްޗެއް ކަމަށް ބުނެ ބޭންކުން އެއްވެސް ޒިންމާއެއް ނުނަގާކަމުގެ ޝަކުވާ އާންމުން ކުރެއެވެ. މިފަދަ މައްސަލަތައް އިތުރަށް ބެލުމަށްވެސް ބޭންކުން އުޒުރުވެރިވެފައި އެބަ ހުއްޓެވެ.

ބީއެމްއެލް އިން ދާދި ދެންމެ އަކު ނެރުނު އެނައުންސްމެންޓެއްގައި ވާގޮތުން އެތަނުން ދޫކޮށްފައިވާ 350 ކާޑަކަށް ޑާޓާ ބްރީޗެއްގެ ސަބަބުން އަސަރު ކޮށްފައިވާކަމަށް ވަނީ އެއްބަސް ވެފައެވެ. ނަމަވެސް އެ ކާޑުތަކުގެ މައުލޫމާތު ލީކް ވެފައިވަނީ ބީއެމްއެލްއަކުން ނޫންކަމަށް ބުނެފައިވެއެވެ. އަދި އެ ކަޑުތައް މިހާރު ޑީއެކްޓިވޭޓް ކޮށްފައިވާކަމަށް އެ ބޭންކުން ހާމަ ކުރެއެވެ. ނަމަވެސް ބައެއް ނޫސްތަކުން ކާޑުގެ މައުލޫމާތު ލީކް ނުވާކަމަށް ބުނެ އާންމުންނަށް އޮޅޭނޭހެން ޚަބަރު ގެނެސްދެމުން ދެއެވެ. ރާއްޖޭގެ ބައެއް ނޫސްތަކުގައި ބީއެމްއެލް ގެ އިސްތިހާރުތައް ހުންނަތަން ފެނެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!