ފުލުހުންގެ ވެހިކަލްތަކެއްގައި ރޯކުރި އަންހެން މީހާ ފާހަގަކުރީ އޭނާގެ ބުމައިން

އެމެރިކާގެ އެކި ހިސާބުތަކުގައި ކުރެވެމުންދާ މުޒާހަރާތަކުގެ ތެރެއިން، މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު ސިއޭޓްލްގައި ހުރި ފުލުހުންގެ ކާރުތަކެއްގެ ރޯކޮށްލި އަންހެން މީހާ، އޭނާގެ ބުމައަށް ބަލައިގެން ދެނެގަނެވިއްޖެއެވެ.

މާގަރެޓް ޗެނޮން ނަމަކަށް ކިޔާ މި އަންހެން މީހާ ވަނީ މާސްކެއް އަޅައިގެން ގޮސް، އެތާނގައި ޕާކު ކޮށްފައި އޮތް ފުލުހުންގެ ފަސް ކާރެއްގައި އަލިފާން ރޯކޮށްލާފައެވެ. އަދި އެ މަންޒަރު ވަނީ އެތާ ހުރީ ކެމެރާތަކަކަށް އަރާފައެވެ. އޭގެން ފެންނަނީ އެ އަންހެން މީހާގެ މޫނު ނޭފަތާ ހަމައަށް ފޮތިގަނޑަކުން ނިވާކޮށްފައިވާ ތަނެވެ. އެއާއެކު ފުލުހުން ވަނީ އެ އަންހެން މީހާ ދެނެގަނެވޭތޯ މަސައްކަތް ފަށާފައެވެ.

އެ މަސައްކަތުގައި ނެރުނު ރިޕޯޓެއްގައި ފުލުހުން ވަނީ، އެ އަންހެން މީހާގެ ހަށިގަނޑުން ފާހަގަކުރެވޭ ކަންތައްތަކަކަށް އަލި އަޅުވާލައިފައެވެ. އޭގެތެރެއިން އޭނާގެ އިނގިލިތަކުގައިވާ ވާ ޓެޓޫތަކާއި، ހެދުން އަޅާފައިވާ ގޮތާއި، އޭނާގެ އާދަޔާޚިލާފު ބުމަ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ މާގަރެޓްގެ ބުމަ ހުރި ގޮތް ކަމަށްބުނެ ފުލުހުންގެ ރިޕޯޓުގައި ސިފަކޮށްދީފައިވާ ގޮތެވެ.

އެ ރިޕޯޓުގައި ވާގޮތުން، އަންހެން މީހާގެ އަސްލު ބުމައިގެ މަތިން ހުރީ ޓެޓޫއެއް ގޮތަށް އިތުރު ބުމައެއް ކުރަހާފައެވެ. އަދި ދެ ބުމަ އެކަތި އަނެކައްޗާ އެއްވަރު ނޫން ކަމަށާއި، ބައެއް ތަންތަންކޮޅަށް ހަނިވެފައި، އަނެއްބައި ތަންތަން ފަލަކޮށް ހުރިކަމަށް ވެސް ލިޔެފައިވެއެވެ. ހަމައެހެންމެ، އޭނާގެ ކަނާތު ބުމަ، ވައަތު ބުމައާ ޚިލާފަށް މައްޗަށް ހިއްލިފައި ހުރި ކަން ވެސް ފާހަގަކުރިއެވެ.

މި ރިޕޯޓު އާއްމުކުރި ފަހުން، ފުލުހުންނަށް މާގަރެޓް ހައްޔަރު ކުރެވިފައިވަނީ ވޮޝިންގްޓަންގައި ހުރި އޭނާގެ ގޭގައި ހުއްޓައެވެ. ނަމަވެސް މާގަރެޓް ހުރިތަން ފުލުހުންނަށް ރިޕޯޓުކުރީ ކާކުކަމެއް ސާފެއް ނުވެއެވެ. މާގަރެޓްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ، ދިހަ އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ނޫސްތަކުގައި ލިޔެފައިވެއެވެ.

ކޮންމެއަކަސް، މި ޙަބަރު ގިނަ ނޫސް މީޑިއާ ތަކަކުން އަންނަނީ މަޖާ ޙަބަރެއްގައި ގޮތުގައި ޖަހަމުންނެވެ. އަދި މީސްމީޑިއާގައި ވެސް އެއްބަޔަކު އަންނަނީ މާގަރެޓްގެ ބުމައަށް ޖޯކު ޖަހައި، މަލާމަތް ކުރަމުންނެވެ. އޭގެތެރެއިން ބައެއް މީހުން ބުނި ގޮތުގައި، މާގަރެޓްގެ ބުމަ ހަދައިދިން މީހާ ވެސް ހައްޔަރުކުރަން ޖެހޭ ކަމަށެވެ. އަދި ބުމައިގެ މަތިން ޓެޓޫ ޖަހައިގެން ހުރެ އެއްވެސް ކުށަކަށް އަރައިގަތުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ބުނެ ވެސް ޖޯކު ޖަހާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!