ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ ކޮންމެވެސް ވަރަކަށް ހިފަހެއްޓިފައި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެންއީއޯސީ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މިހާރުގެ ޑޭޓާއަށް ބަލާއިރު ރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް ފެންނަވަރު އެވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.
“މިހާރުގެ ޑޭޓާއަށް ބަލާއިރު ސްޓޭބަލް ކަމަށް މި ބެލެވެނީ. ފުދޭވަރަކަށް ޓެސްޓު އެބަ ކުރެވޭ. ކޮންޓެކްޓް ޓްރޭސިން ކުރިއަށް އެބަދޭ. އޭގެ އިތުރުން ކޮމިއުނިޓީ ތެރެއިން އެކްޓިވް ސަވަޔަލަންސް ވެސް ކުރިއަށް އެބަދޭ. މިހާރު ފެންނަ ފެނުމަށް ކޮންމެވެސް ވަރަކަށް ސްޓޭބަލްވެފަ މިއޮތީ ބަލި ހުރި މިންވަރު،” ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ސްޓޭބަލްވި ނަމަވެސް މާލޭގެ އެލާޓް ލެވެލް އަދިވެސް އޮތީ ރަތުގައި ކަމަށެވެ. އެއީ މިހާރު ނަގަމުން އަންނަ އެކްޓިވް ސަވައިލަންސްތަކުގެ ބައެއް ސާމްޕަލްތައް ޕޮޒިޓިވަމުން އަންނާތީ، މާލޭގައި އަދިވެސް ކޮމިއުނިޓީ ޓްރާންސްމިޝަންއެއް އޮތްކަން ފާހަގަކުރެވޭތީ ކަމަށެވެ.
މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އަދިވެސް އުވާލާފައިނުވާއިރު އަންނަ ހޯމަ ދުވަހަށް ލޮކްޑައުންގައި މާލެ ސަރަހައްދު އޮންނަތާ ދެ މަސް ދުވަސްވާނެއެވެ.