ޖޫހީ ލައްވައި މަންމަގެ ރޯލު ކުޅުވަން ސަލްމާން ބޭނުންވި

ޖޫހީ ޗާވްލާ އަކީ 1980 ގެ ފަހުކޮޅުން ފެށިގެން 2000 ގެ ކުރީކޮޅާ ހަމައަށް ބޮލީވުޑުގެ ވަރަށް ގިނަ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ބަތަލާއެކެވެ. އަދި ބޮލީވުޑުގައި ރަސްކަން ކުރާ ތިން ޚާނުންގެ ތެރެއިން ދެ ޚާނުންނާ އެކީ، އެމީހުންގެ އެންމެ ރަން ދުވަސްވަރު މަސައްކަތް ކޮށްފައިވާ ތަރިއެކެވެ. އެއީ ޝާހްރުކް ޚާނާއި އާމިރު ޚާނެވެ. ނަމަވެސް، ސަލްމާން ޚާނާއެކީ ޖޫހީ އެއްވެސް ފިލްމެއް ކުޅެފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ސަލްމާން ބަތަލުގެ ރޯލު ކުޅޭ ފިލްމެއް ޖޫހީއަށް ހުށަހެޅުމުން، ޖޫހީ ވަނީ އެ ފިލްމު ކުޅެން ދެކޮޅު ހަދާފައެވެ. އަދި އެ ފިލްމުގެ ބަތަލުގެ ރޯލު އާމިރު ޚާނަށް ދިނުމަށް ޖޫހީ އެދުމުން، ފިލްމުގެ ޕްރޮޑިއުސަރުން ވަނީ އެގޮތަށް ކަންތައް ކޮށްފައެވެ. އެހިސާބުން ޖޫހީ އެ ފިލްމަށް އެއްބަސްވެ ސޮއި ކުރިއެވެ. ނަމަވެސް އެއީ ކޮން ފިލްމެއް ކަމެއް އަދި ސަލްމާން އާއެކީ އެ ފިލްމު ކުޅެން ޖޫހީ ބޭނުންނުވި ސަބަބެއް ނޭނގެއެވެ.

ކޮންމެއަކަސް، އޭގެ އަހަރުތަކެއް ފަހުން ސަލްމާން ހޯސްޓު ކުރާ “ބިގް ބޮސް” ޝޯގައި ފިލްމެއްގެ ޕްރޮމޯޝަނަކަށް ޖޫހީ އައުމުން، ސަލްމާން ވަނީ އެވާހަކަ ދައްކާފައެވެ. އެގޮތުން ސަލްމާން ފާހަގަކުރީ ޖޫހީ ސަލްމާން އާއެކީ ފިލްމެއް ކުޅެފައި ނުވާ ކަމެވެ. އަދި އޭނާއެކީ ކުޅެން އޮތް ފިލްމަށް ދެކޮޅު ހެދި ވާހަކަ ބުނުމުން ޖޫހީ ބުނީ، އެ ޒަމާނުގެ ބަތަލާއިންގެ ތެރެއިން ސަލްމާންއާ އެކީ މަސައްކަތް ނުކުރާ ހަމައެކަނި ބަތަލާ އަކީ ޖޫހީ ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް މިހާރު ސަލްމާން އާއެކީ ފިލްމެއްގައި މަސައްކަތް ކުރެވިދާނެ ކަމަށް ބުނެ ދެމީހުން އެކީގައި ފިލްމެއް ކުޅުމުގެ ޙިޔާލު ޖޫހީ ދިނެވެ.

އެއަށް ރައްދު ދެމުން ސަލްމާން ބުނީ އެކަމަށް ތައްޔާރު ކަމަށާއި އެކަމަކު ޖޫހީ ކުޅެން ޖެހޭނީ ސަލްމާންގެ މަންމަގެ ރޯލު ކަމަށެވެ. ސަލްމާން އެހެން ބުނީ ސަމާސާ އަކަށް ކަމުން، އެއާ ގުޅިގެން އެ ދެތަރިން އެކުގައި ފިލްމެއް ކުޅެފައެއް ނުވެއެވެ. ނަމަވެސް، ސަލްމާން އަށްވުރެ ދެ އަހަރު ހަގު ޖޫހީ ލައްވައި، މަންމަގެ ރޯލު ކުޅުވާ ވާހަކަ ބުނުމުން ގިނަ ބަޔަކަށް އެކަން ވީ ޖޯކަކަށެވެ. އަދި އެއްބަޔަކު އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައިވެސް ވެއެވެ.

އެގޮތުން އެމީހުން ފާހަގަކުރި ގޮތުގައި، ސަލްމާން މެންފަދަ އުމުރުން ދުވަސްވެފައިވާ އެކްޓަރުން އެމީހުންނަށްވުރެ އެތައް ގުނައެއް ޒުވާން ބަތަލާއިންނާއެކީ ލޯބީގެ ފިލްމުތައް އަދިވެސް ކުޅެމުންދާ ކަމަކީ ލަދުވެތި ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!