ގުޅީފަޅުން ނަގާ މުރަކަތައް ފުލް މޫން ރިސޯޓަށް

ގުޅީފަޅުގައި ބަނދަރެއް ހެދުމަށް އެ ރަށުގެ ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްދާތީ އެތަނުން ނަގާ މުރަކަތައް ފުލް މޫން ރިސޯޓު ފަޅު ތެރޭގައި އިންދުމުގެ މަސައްކަތް ފަށައިފިއެވެ.

ގުޅީފަޅުން 192 ހެކްޓަރުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓެއް ވަނީ ފައްޓާފައެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވެދާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

މި ގެއްލުން ކުޑަކުރުމަށް ގުޅީފަޅުގެ ދެ ސަރަހައްދަކުން މުރަކަ ނަގައިގެން އެހެން ތަނެއްގައި އާލާ ކުރުމަށް ވަނީ ނިންމާފައިވެއެވެެ. އެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާ ގުޅޭ މައުލޫމާތު ހިމެނޭ ރިޕޯޓެއް މިއަދު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ އާންމުކޮށްފައެވެ.

ގުޅީފަޅުން މުރަކަ އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރީފްސްކްރޭޕާސްއާ އެވެ. މަޝްރޫއުގެ ފެށުމުގެ ކުރިންވެސް މުރަކަތައް ނެގުމަށް ގުޅީފަޅުގެ ސާވޭއެއް ހަދާފައިވާ ކަމަށް އީޕީއޭއިން މިއަދު އާންމު ކުރި ރިޕޯޓުގައިވެއެވެ. އަދި ފަޅުގެ އިރުމަތީ ފަރާތުގެ ދެ ސަރަހައްދަކުން މުރަކަ ނެގޭނެ ވަރު ބަލާފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން ގުޅީފަޅުގެ އިރުމަތީ ފަރާތު ދެ ސަރަހައްދަކުން މުރަކަތައް ނަގައިގެން ގެންދަން ހަމެޖެހިފައި ވަނީ ފުލް މޫން ރިސޯޓުގެ ހުޅަނގު ފަރާތު ފަޅަށެވެ. އެއީ މުރަކަތައް ނެތް ސަރަހައްދެކެވެ. އެ މަސައްކަތް ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!