ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކުރިއިރު އެންމެ ފަހުން އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެދުވަހު ބޭރުގައި އުޅުމުން ހިފަހައްޓައި ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް ބާތިލް ކޮށްފިއެވެ.
ލޮކްޑައުންއާ ހިލާފުވެގެން ވަރަށް ގިނަ ބަޔަކު ވަނީ ޖޫރިމަނާކޮށްފައެވެ. ލޮކްޑައުންގެ އަމުރާ ހިލާފަށް ބޭރަށް ނިކުންނަ މީހުން ފުރަތަމަ ފަހަރުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އެގޮތުން 8،187 މީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ފުލުހުން ޓެގް ކުރައްވައި ކުރެއްވި ޓްވީޓުގައި ވިދާޅުވީ ލޮކްޑައުން އުވާލުމުގެ ވަގުތާ ގުޅޭ ގޮތުން އާއްމުންނަށް ރަނގަޅަށް މައުލޫމާތު ސާފުނުވާ ކަމަށެވެ. އަދި އެ މުއްދަތުގައި އަދަބެއް ދިނުމަކީ ކުރެވިދާނެ ކަމެއްތޯ ވެސް އޭނާ ސުވާލު އުފައްދަވައި އޭނާ ވަނީ އެ ވަގުތުގައި ޖޫރިމަނާކޮށްފައިވާ ނަމަ އެ މީހުން އެ ފައިސާ ދައްކަން ޖެހޭނެތޯ ސުވާލުކޮށްފައެވެ.
އެ ޓްވީޓަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ވިދާޅުވީ އެ ވަގުތުތަކުގައި ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް ބާތިލުކޮށްފައިވާ ކަމަށެވެ.