ގަމުން ޖީހާންއަށް ލިބުނު ގޯތި ދޫކޮށްލައްވައިފި

ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދަށް ލ. ގަމުން ލިބުނު ގޯތި ދޫކޮށްލައްވައިފިއެވެ.

ޖީހާން އެ ގޯތި ދޫކޮށްލާފައި މިވަނީ އެ ގޯތި ޖީހާން އަށް ލިބުނު ގޮތާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާފައި ވަނިކޮށެވެ. ގިނަބަޔަކު ސުވާލު އުފެއްދީ ގަމު ކައުންސިލުން ނެރެފައިވާ ގޯތީގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުންނެވެ. އަދި ގިނަބަޔަކު ވަނީ ޖީހާން އަށް އެ ގޯތި ލިބިފައި ގައުމުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ދޭ ބައިން 10 ޕޮއިންޓު ލިބިވަޑައިގެންފައި ވާތީވެސް ސުވާލު އުފައްދާފައެވެ.

ޖީހާން އަށް ގަމުން ގޯތި ލިބުނުއިރު ޖީހާންގެ ފިރިކަލުންނަކީ ގަމުގެ ރަށްވެއްސެކެވެ. އަދި ދެ ދެމަފިރިންނަށް ލިބިފައިވާ ދެ ދަރިންވެސް ރަޖިސްޓްރީ ކޮށްފައިވަނީ ގަމުގައެވެ.

ގޯއްޗާ ގުޅޭ ގޮތުން ޖީހާން ވިދާޅުވެފައި ވަނީ ގޯއްޗެއް ހޯދުމަށް ކުރިމަތިލީ ދެ ކުދިންގެ މުސްތަގުބަލަށް ވިސްނާފައި ކަމަށާއި އޭނާ އަކީ އޭނާގެ އުފަން ރަށުންވެސް އަދި މާލެއިން ގޯއްޗެއް އޮތް މީހެއް ނޫން ކަމަށެވެ. އަދި ފޯމު ހުށަހެޅުއްވި އިރުވެސް ގޯތި ލިބޭނެ ވަރަށް ޕޮއިންޓު ލިބިގެން ދާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

މައްސަލަ ބޮޑުވީ ޖީހާން ގަމުގައި އުޅޭ ކަމަށް ބުނާ ބައިން ޕޮއިންޓު ލިބުމުންނެވެ. ނަމަވެސް ޖީހާން ވަނީ އެ ބައިން އޭނާ އަށް ޕޮއިންޓު ލިބުނު ގޮތް ހުދު އޭނާ އަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ގިނަ ބައެއްގެ ސުވާލުތަކެއް އުފައްދަމުން އަންނާތީ އެ ގޯތި ބާތިލް ކޮށްދިނުމަށް ކައުންސިލްގައި އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!