ރާއްޖޭގައި މިހާރު ކޮވިޑް-19ން ރަނގަޅުނުވެ ތިބީ 800 މީހުން

ނުރައްކާތެރި ކޮވިޑް-19 ގެ ބަލި ކުއިއާ އަޅާބަލާއިރު މިހާރު މިވަނީ ބަލި ފެތުރެމުންދިޔަ މިންވަރާއި، ބަލީގެ ނުރައްކާ ރާއްޖެއަށް ކުޑަވެފައެވެ. މިގޮތުން ކޮންމެ ދުވަހަކު އަލަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދު މިވަނީ ދަށްވާން ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ރަނގަޅުނުވެ ތިބީ 800 މީހުންނެވެ. މި ބަލީގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވެގެން ގޮސްފައި ވަނީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި މިހާރު ފަރުވާދެމުން ދަނީ ޖުމްލަ 8 މީހަކަށް ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 2003 މީހަކުވަނީ ޕޮޒިޓިވްވެފައިއެވެ. މީގެ ތެރެއިން 1300 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވަނީ މޭއި މަހުގެ ތެރޭގައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު މިހާރު ވަނީ 1193 އަށް އަރާފައެވެ.

ރާއްޖެގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން 52.82 އިންސައްތަ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އެޤައުމުގެ 1058 މީހަކަށް ރާއްޖެއިން މި ބަލި ޖެހިފައި ވާއިރު، ބަލިޖެހިފައިވާ ދިވެހިންގެ އަދަދު އުޅެނީ 700 ގައެވެ.

ރާއްޖެއިން ޖުމްލަ 1696 ފިރިހެނަކާއި 307 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 346 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 734 މީހަކު ތިބި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް އަށް މީހަކު ނިޔާވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!