ތުންފަތް ރީތި ކުރުމަށް ގޭގައި ތައްޔާރު ކުރެވިދާނެ ސްކްރަބް ތަކެއް

ތުންފަތް ހިކި ތުންފަތުން ހަންފޮޅި، ކުލަ މަރުވާ ގޮތް ވާނަމަ އެކަމަށް ޙާއްސަ ލިޕް ބާމެއް ޤަވާއިދުން ހޭކުމުން ގިނަފަހަރަށް ރަނގަޅު ވެއެވެ. ނަމަވެސް، ފިހާރަތަކުގައި ވިއްކަން ހުންނަ އެއްޗިއްސަށްވުރެ، ގޭގައި އަމިއްލައަށް ތައްޔާރު ކުރާ އެއްޗަކަށް ކުރެވޭ އިތުބާރު ބޮޑުވާނެއެވެ. އެގޮތުން މިފަހަރު މި ހިމަނައިލަނީ، ތުންފަތް ރީތިކޮށް ބެހެއްޓުމަށް އުނގުޅަން ރަނގަޅު “ލިޕް ސްކްރަބް” ތަކެއް ތައްޔާރު ކުރާނެ ގޮތެވެ.

1. ކާށިތެޔޮ އަދި މާމުއި ސްކްރަބް

ކާށިތެލާއި މާމުޔަކީ ހަމައެކަނި ހަންގަނޑު ރީތިކޮށްދޭ ތަކެއްޗެއް ނޫނެވެ. އެ އެއްޗެހީގައި އެކުލެވޭ ފައިދާހުރި މާއްދާތަކުގެ ސަބަބުން ތުންފަތް ވެސް ދުޅަހެޔޮ ކޮށްދެއެވެ. މި ސްކްރަބް ތައްޔާރު ކުރާނެ ގޮތަކީ، އެއް މޭޒުމަތީ ސަމުސާގެ މާމުއި އަދި އެއް މޭޒުމަތީ ސަމުސާގެ ކާށިތެޔޮ ކުޑަ ބޯތަށްޓަކަށް އަޅާނީއެވެ. އެއަށްފަހު ބްރައުން ޝުގާ ކޮޅަކާއި ތާފަނާ ފެންފޮދެއް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާނީއެވެ. އޭރުން ހުންނާނީ ޕޭސްޓުގަނޑެއް ހެދިފައެވެ. ދެން އޭތި ތުންފަތުގައި ތިން މިނެޓު ވަންދެން އުނގުޅާނީއެވެ. އެއަށްފަހު ދޮވެލުމުން، ތުންފަތުގައި ފޮޅިފައި ހުރި ހަންތައް ނެތިގޮސް، އޮމާންކަން އިޙުސާސް ކުރެވޭނެއެވެ.

2. ކޮފީ އަދި މާމުއި ސްކްރަބް

ކުރީ ސްކްރަބް ހެން މީގައި ވެސް މާމުއި އަދި ގްރައުންޑް ކޮފީގެ މޭޒުމަތީ ސަމުސާ ތަށްޓަކަށް އަޅާފައި އެއްކޮށްލާށެވެ. އަދި ޕޭސްޓެއް ހެދުމުން، ދެ މިނެޓު ވަންދެން ތުންފަތުގައި އުނގުޅައި މަސާޖު ކޮށްލާށެވެ. އިތުރު ދެ މިނެޓު ވަންދެން ބެހެއްޓުމަށްފަހު ތުންފަތް ދޮވެލާށެވެ. އޭރުން ތުންފަތް ފެންނާނީ މާ ތާޒާކޮށް، ރީތިކޮށެވެ.

3. ފިނިފެންމާ އަދި ކިރު ސްކްރަބް

މީގައި ހަދާނެ ގޮތަކީ، ފިނިފެންމަލުގެ ފިޔަ އަދި މިލްކު (ކިރު) މިކްސަރަށް އަޅާފައި އެއްކޮށްލާނީއެވެ. ދެން އޮލަ ޕޭސްޓެއް ހެދުމުން، ތުންފަތުގައި ހާކަން ތައްޔާރު ވާށެވެ. ހޭކުމަށްފަހު ދެތިން މިނެޓު ވަންދެން ބަހައްޓާފައި އާދައިގެ ފެނުން ދޮވެލާނީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!