ޝްރައްދާ ފިލްމު ކުޅެން ދާން ބައްޕަ ގަބޫލެއް ނޫން

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ލުއިތަކެއް ދޭން ފަށާފައިވާއިރު، ފިލްމު އިންޑަސްޓްރީގެ މަސައްކަތްތައް އަލުން ފެށުމަށްވެސް އެ ދާއިރާގައި އުޅޭ މީހުން އަންނަނީ އަތުކުރި އޮޅާލަމުންނެވެ. އެހެންނަމަވެސް، ބޮލީވުޑުގެ ޒުވާން ބަތަލާ ޝްރައްދާ ކަޕޫރު މިދުވަސްވަރު ފިލްމު ކުޅެން އެނބުރި ދިޔުމަށް ހުއްދަ ނުދޭނެ ކަމަށް އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު ހާމަކޮށްފިއެވެ.

ނުބައިބައި ރޯލުތަކުން މަޝްހޫރުކަން ހޯދާފައިވާ ޝަކްތީ ‘އީ-ޓައިމްސް’ އާ ވާހަކަ ދައްކަމުން ބުނީ، ޚުދު އޭނާވެސް ފިލްމު ކުޅުމަށް އެނބުރި ދާން ތައްޔާރު ނޫން ކަމަށެވެ. އަދި އަމުދުން ދަރިފުޅު ޝްރައްދާ ޝޫޓިން ތަކަށް ދިޔުމުގެ ހުއްދަ ނުދޭނެ ކަމަށް ޝަކްތީ ބުންޏެވެ.

“އަހަރެން ޤަބޫލެއް ނުކުރަން އަދި ނުރައްކާ ކުޑަވެއްޖެ ކަމަކަށް. ކޮރޯނާވައިރަހުގެ ނުރައްކާ އަދިވެސް އެބައޮތް. ލޮކްޑައުން ހުޅުވައިލުމުން މި ނުރައްކާ އިތުރަށް ބޮޑުވެގެން ދާނެ ހެން ހީވަނީ”، ޝަކްތީ އޭނާގެ ކަންބޮޑުވުން ފާހަގަކުރިއެވެ.

އިންޑިއާގެ ލޮކްޑައުންއަށް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަހި ފެށިފައިވާއިރު، އެ ޤައުމުގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް ތިން ލައްކައާ ގާތް ކުރާ އަދަދެއްގެ މީހުން ޕޮޒިޓިވް ވެފައިވެއެވެ. ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 8500 ގައެވެ. އަދި ދުނިޔޭގެ ނިސްބަތުން ބަލާއިރު، ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރޭ ޤައުމުތަކުގެ ތެރެއިން އިންޑިއާ މިހާރު އޮތީ ހަތަރު ވަނައިގައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 10،000 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!