ޗައިނާއިން ދަނީ އެކި ދީންތަކަށް ފިއްތުންތައް ކުރިމަތިކުރަމުން: އެމެރިކާ

ޗައިނާގައި ދީންތަކަށް އޮންނަ މިނިވަންކަން މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގެ ސެކެޓްރީ މައިކް ޕޮމްޕެއޯ އިސްވެ ހުންނަވައި މިދިޔަ ބުދަ ދުވަހު ނެރުނު ރިޕޯޓުގައި ބުނީ، ޗައިނާގައި އެކި ދީންތަކުގެ މީހުންނާ ދޭތެރޭ ފިއްތުންތައް ކުރިމަތި ކުރުވައި، އަނިޔާވެރި ވަމުން އަންނަ ކަމަށެވެ. މި ރިޕޯޓަކީ، ކޮންމެ އަހަރަކުވެސް “އިންޓަނޭޝަލަން ރިލިޖަސް ފްރީޑަމް” ގެ ނަމުގައި ނެރޭ ރިޕޯޓުގެ ތެރެއިން މިދިޔަ 2019 ވަނަ އަހަރަށް ބިނާކޮށް ނެރެފައިވާ ރިޕޯޓެކެވެ.

އޭގައި ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، ޗައިނާގެ ޒިންޖިއާންގް ގައި ދިރިއުޅޭ ކްރިސްޓިއަން ދީނުގެ މީހުންނާއި، ބުދިސްޓު ދީނުގެ މީހުންނާމެދު އެ ޤައުމުން އަންނަނީ އަނިޔާވެރި ވަމުންނެވެ. އަދި ޗައިނާގެ ކޮމިއުނިސްޓު ޕާޓީ (ސީސީޕީ) އިން އަންނަނީ އެކި ދީނީ ފިކުރުތަކުގެ މީހުންނަށް އަމާޒުކޮށްގެން، އެމީހުންގެ މެދުގައި ކޮމިއުނިސްޓު ފިކުރު އާލާކުރަން މަސައްކަތް ކުރަމުން ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

އޭގެތެރެއިން މިދިޔަ އަހަރު ފެށުނީ، ޗައިނާގައި އިސްލާމް ދީނާއި އެ ދީނަށް ތަބާވާ މީހުން އެ ޤައުމުން ކަނޑައަޅާ އުސޫލުތަކަކަށް ފެއްތުމުގެ ފަސް އަހަރުގެ ރަސްމީ ޕްލޭނަކާ އެކުގައި ކަމަށް ޕޮމްޕެއޯ ފާހަގަކުރެއްވިއެވެ.

އެ ރިޕޯޓުގައި އަލިއަޅުވައިލި ވަކިވަކި ކޭސްތަކުގެ ތެރޭގައި، ވޮންގް ޔީ ނަމަކަށް ކިޔާ ކްރިސްޓިއަން ދީނުގެ ފާދިރީއަކު ނުހައްޤުން 9 އަހަރަށް ޖަލަށްލުމުގެ ހުކުމް މިދިޔަ އަހަރު ކޮށްފައިވާކަން ހިމެނެއެވެ. ނަމަވެސް ޗައިނާގެ ޤާނޫނުގައި ވާގޮތުން، އާއްމު ދީންތަކުގެ މީހުންނަށް އެމީހުންގެ ދީނާއި އެއްގޮތަށް އުޅުމުގެ މިނިވަންކަން އޮވެއެވެ. އަދި އެފަދަ މީހުންނަށް ރައްކާތެރިކަން ލިބޭގޮތަށް ވެސް ޤާނޫނުގައި އޮވެއެވެ. އެހެނަސް، “އާއްމު” ދީނަކީ ކޮބައިކަމެއް ބުނެދީފައެއް ނޯވެއެވެ. ޗައިނާގެ ސްޓޭޓުން ރަސްމީކޮށް ދީންތަކުގެ ގޮތުގައި ދެކެނީ ފަސް ދީނެކެވެ. އެއީ ބުޑިޒަމް، ޓައޯއިޒަމް، ކެތޮލިސިޒަމް، ޕްރޮޓެސްޓޭންޓިޒަމް އަދި އިސްލާމް ދީނެވެ.

އެހެންނަމަވެސް، ޤާނޫނުގައި އޮތް ފަދަ މިނިވަންކަމާއި ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާ ކަން އެ ރިޕޯޓުގައި ފާހަގަކުރެއެވެ. އަދި އެކިއެކި ދީންތަކުގެ މީހުންނާމެދު އަނިޔާވެރިކޮށް އަމަލުކުރަމުން ދާތީ، އެކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި 2017 ގެ އޭޕްރީލުން ފައްޓައިގެން، އެކި ދީންތަކުގެ އެއް މިލިއަނަށްވުރެ ގިނަ މީހުން މާސް ކޭމްޕުތަކަށް ގެންގޮސް އެމީހުންގެ ސިކުނޑި ދޮވެލުމަށް ހަރަކާތްތައް ހިންގަމުންދާތީ އެކަން ވެސް ކުށްވެރިކޮށްފައިވެއެވެ.

މި ރިޕޯޓަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާއަކަށްވިޔަސް، ރިޕޯޓުގައި ގިނައީ ޗައިނާއާ ބެހޭ ވާހަކަތަކެވެ. އެއީ ޗައިނާގައި ދީންތަކަށް އޮންނަ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށް، އެކިއެކި ދީންތަކުގެ މީހުންނާމެދު ފިއްތުންތައް ކުރިމަތި ކުރުވަމުންދާތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!