11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާއަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފި

މާލޭގައި އުމުރުން 11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ ހައްޔަރުކޮށް ތަހުގީގު އަވަސްކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ މި “ހަޑިމުޑުދާރު އަދި ލާއިންސާނީ” އަމަލު ހިންގި މީހާ އާއި އެކަމަށް އެހެން ބަޔަކު އެހީތެރިވެފައިވާ ނަމަ އެ މީހުން ހޯދައި ތަހުގީގު އަވަސްކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުން އެކަމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި އަދަބު ތަންފީޒު ކުރުމުގައި އެއްވެސް ވަރެއްގެ ލުޔެއް ނުދިނުމަށް ގޮވާލާފައިވެ އެވެ.

އަދި ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް އަނިޔާކުރުމާއި ޖިންސީ ގޯނާކުރުން އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ. މިފަދަ އަމަލުތައް ހުއްޓުވޭނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ފުރިހަމަ އަށް އަދާކޮށްގެން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މި ފަދަ ހާދިސާތައް ދިމާވާ ކުދިންނަށް ނަފްސާނީ އެހީތެރިކަން ވީއެންމެ އަވަހަކަށްދީ އެ ކުދިންނަށް ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައް ދައުލަތުން ހަމަޖެއްސުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ކުޑަކުއްޖާ ގެސްޓްހައުސްއަށް ގެންދިޔައީ އެ ކުއްޖާ މަގުމައްޗަށް ނިކުތްތަނުން، މަގުމަތީގައި ހުރި މީހެކެވެ. ކުޑަކުއްޖާ ރޭޕްކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!