ހުތުބާ: ދުލުން ބުނެލާ ބަހަކީ ދުނި ދަނޑީގައި ރުވައި ދޫކޮށްލާ ތީރެއްފަދަ އެއްޗެއް، އެއީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫން

ދުލުން ބުނެ ދޫކޮށްލާ ބަހަކީ “ދުނި ދަނޑީގައި” ރުވައި ދޫކޮށްލާ ތީރެއް ފަދަ އެއްޗެއް ކަމަށާއި އެއީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫން ކަމަށް ބުނެ، ޒުވާނުންގެ އަމަލުތަކާ ބަސް މަގު ރިވެތި ކުރަން ހުކުރު ހުތުބާގައި މިއަދު ބުނެފިއެވެ.

ހުތުބާގައި ވަނީ މުޖުތަމައުގެ އަފްރާދުންނާއި މުއައްސަސާތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކާ ކުރާ ބަހުސްތަކާއި ދޭ ރައްދުތަކުގައި ބަސް މަގު ގެންގުޅެން ވާނީ އަދަބުވެރިކޮށް އިހްތިރާމާއި ރިވެތިކޮށް ކަމަށެވެ.

“ބުނި ބަހެއްގެ ސަބަބުން ފަހުން ދެރަވެ، ހިތާމަ ކުރަން ޖެހޭ ގޮތަކަށް ނޫނެވެ. އަރަބި ޅެމެއްގައި ބުނެފައިވެއެވެ. ލޮންސިއަކުން މީހަކު ޒަހަމްކޮށްލިޔަސް ބޭސްކޮށްގެން އެ ފާރުގަނޑު ހިއްކާލެވިދާނެއެވެ. ނަމަވެސް ދުލުންކޮށްލާ ޒަހަމުން އުފެދޭ ފާރުގަނޑެއް ނުހިކޭނެއެވެ،” ހުތުބާގައި ބުނެފައިވެއެވެ.

ޔޮ ބަހަކީ މަންޒަރު ރީތި، ވަސްމީރު، މޭވާފޮނި، ހިޔާބޮޑު، ފައިދާ ތަނަވަސް، މޫވަރުގަދަ، އަބަދުވެސް މޭވާ އަޅާ ގައެއް ފަދަ އެއްޗެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެފަދަ ގަހެއް ހެއްދުމަށް، ރަނގަޅު ބިމަކަށް ބޭނުންވާ ކަމަށާއި، މި ރަނގަޅު ބިމަކީ ﷲ އަށް އަޅުކަންކުރާ، ސާލިހު މުއުމިނާގެ ނަފްސު ކަމަށާއި، އެ ގަހުގެ ވެރިޔަކީ ރިވެތި ގޮތުގައި ﷲ ގެ ހަލްގު ތަކުންނާ މުއާމަލާތްކުރާ މީހާ ކަމަށްވެސް ބުނެފައިވެއެވެ. ދަރިންނަކީ އެފަދަ ބަޔަކަށް ހެދުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

“އަޅުގަނޑުމެންގެ ދަރިންނަކީ މިފަދަ ބަޔަަކަށް ހެދޭތޯ ބަލަމާ ހެއްޔެވެ. އެ ދަރިންގެ ހިއްތަތަކުގައި މިފަދަ ބިމެއް ތައްޔާރު ކުރެވޭނީ އާއިލާ އާއި މަދުރަސާ އާއި ވެށިން ރަނގަޅު ތަރުބިއްޔަތެއް ފޯރުކޮށްދީގެންނެވެ. މި ތިންވެށި ނުރަނގަޅު ބިމެއްފަދަ ތަނަކަށް ވެއްޖެނަމަ ދަރިންގެ ހިތްތަކުގައި ހެޔޮ ބަސް ބުނުމުގެ ގަހެއް ނުފަޅާނެއެވެ. އެމީހުންގެ ސަބަބުން މުޖުތަމައު އެއްބައިވަންތައެއް ނުކުރެވޭނެއެވެ. އެ މީހުންގެ ކިބައިން ގައުމަށް ރަނގަޅު ހިދުމަތެއްް ނުލިބޭނެއެވެ.” ހުތުބާގައިވެއެވެ.

އެހެންވީމަ ކުޅިވަރުގެ މައިދާންތަކާއި މަސައްކަތުގެ މާހައުލާ އިޖުތިމާއީ އެހެނިހެން އެއްވުންތަކުގައި ޒުވާނުން ހަރަކާތްތެރިވާ އިރު، އެމީހުންގެ އަމަލުތަކާއި ބަސް މަގު ރިވެތި ކުރަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. ސަބަބަކީ ދަށުން އަރައިގެން އަންނަ ޅަ ޖީލުތައް ނަކަލު ކުރާނީ މިއަދުގެ ޒުވާނުންގެ އުޅުންތަކާއި ބަސް މަގާއި އަޅާ ފޭރާން ކަމަށްވާތީ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ގާތް ތިމާގެ މީހުންނާއި އަވަށްޓެރިންނާއި ބާޒާރުގައި އާއި ވިޔަފާރީގެ މުއާމަލާތްތަކުގައި އާއި މުވައްޒަފުންގެ މެދުގައި އާއި ހިދުމަތް ހޯދުމަށް އޮފީސްތަކަށް ދާ މީހުންނާއި ހިދުމަތްދޭ ފަރާތްތަކާ މެދުގައި މުއާމަލާތް ކުރެވެން ޖެހޭނީ ރިވެތި ބަހުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ ދިވެހިންގެ ހިދުމަތުގައި އެކި ބިދޭސީން އުޅޭ އިރު، އެމީހުން ފުށުން ދެރަ ކަންތައް ފެންނާނެ ކަމަށެވެ. ނަމަވެސް އެމީހުންނާ ވާހަކަ ދައްކައި ބަސް މަގު ހުންނަން ވާނީ އިސްލާމް ދީނުގެ ރިވެތި އަހުލާގުގެ ތެރޭގައި ކަމަށް ވެސް ހުތުބާގައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!