ޝިޕިންލައިންއިން ފަށާފައިވުމުން ސިއްޙީ ސާމާނު ގެނައުމަށް ފަސޭހަތެކެއް ވެގެން ދިޔަ: އެސްޓީއޯއިން

ޤައުމީ ޝިޕިންލައިންއިން ޙިދުމަތްތައް ފަށާފައިވުމުން ގިނަ ފައިދާތަކެއް ކުރި ކަމަށާއި އެކަމުގެ ސަބަބުން ލަންކާއިން ސިއްޙީ ސާމާނުތައް ގެނައުމަށް ގިނަ ފަސޭހަތެކެއް ވެގެން ދިޔަކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ފިއުލް، ލޮޖިސްޓިކް އަދި ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރ އަބްދުލް ވާހިދު މޫސާ ވިދާޅުވީ އަމިއްލަ ޝްޕިން ލައިނެއް އޮތުމުން އެމެޖެންސީކޮށް ރާއްޖެއަށް ގެންނަން ޖެހުނު ސިއްޙީ ސާމާނުތައް ގެނައުމަށް ފަސޭހަވިކަމަށެވެ.

ކޮންޓެއިނަރ ވިޔަފާރިއަށް ވަދެވުނު ވަގުތަކީ ވިޔަފާރީގެ ގޮތުން ބަލާނަމަ އެންމެ ރަނގަޅު ވަގުތު ނޫންކަމަށާއި އެހެން ނަމަވެސް ޝިޕިންލައިނަށް ރަނގަޅު ފައިދާއެއް ލިބެމުންދާކަމަށް ވާހިދު ވިދާޅުވިއެވެ.

ވާހިދު ވިދާޅުވީ މިދުވަސްކޮޅު ރާއްޖެއަށް މުދާ ގެންނަ މިންވަރު %30 – %40 ދަށްވެފައިވާކަމަށެވެ. ޝިޕިން ލައިންގެ ވިޔަފާރީގެ ގޮތުން ފައިދާތައް ވާން ފަށަން ގާތްގަނޑަކަށް 6 މަސް ނަގާނެ ކަން ވާހިދު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭ ޙިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!