ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ޑީ ނުލިބޭ ކަމުގެ އަލާމާތްތައް

ވިޓަމިން ޑީ އަކީ ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. އެގޮތުން، ދަތްތަކާއި، ކަށިތަކާއި މަސްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް ވިޓަމިން ޑީ ވަރަށް މުޙިއްމު ދައުރެއް އަދާކުރެއެވެ. ވިޓަމިން ޑީ އެންމެ ފަސޭހައިން ލިބެނީ އިރުގެ ދޯދިންނެވެ. ނަމަވެސް މިދުވަސްވަރު ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން، އަތްވަށް ނުނިކުމެވިފައި އެތައް ބަޔަކު ތިބޭނެއެވެ. އެހެންކަމުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ޑީ ނުލިބޭން ފެށުމުން، އެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ މިފަހަރު މި ހިމަނައިލަނީ ހަށިގަނޑުން ވިޓަމިން ޑީ މަދުވުމުން ފެންނަން ހުންނަ އަލާމާތްތަކެވެ.

1. މޫޑް ސްވިންގްސް ނުވަތަ ކަމަކާ ނުލައި ދެރަވުން

ވަކި ޙާއްސަ ކަމަކާނުލައި ދެރަވެފައި ހުންނަތާ ދުވަސްކޮޅެއް ވެފައިވާނަމަ، އެއީ ވިޓަމިން ޑީ ނުލިބުމުގެ އަލާމާތަކަށް ވެދާނެއެވެ. އިރުގެ އައްޔަކީ، މީހާ އުފާވެރިކޮށް ބަހައްޓައިދޭ އެއްޗެކެވެ. ސަބަބަކީ، އަތްވަށް ނުކުތުމުން ސިކުނޑީގައި ސެރޮޓޮނިން އުފެދޭ މިންވަރު މަތިކޮށްދޭތީއެވެ. ސެރޮޓޮނިން އަކީ މީހާގެ އުފާވެރިކަމާ ގުޅިފައި ހުންނަ ހޯމޯން އެވެ. ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހުން ގާތުގައި ވެސް އަތްވަށް ނުކުމެ އުޅުމަށް އިރުޝާދު ދެއެވެ.

2. ބަރުދަން އިތުރުވުން

ވިޓަމިން ޑީ އަކީ ހަމައެކަނި ކަށިތަކާއި ދަތްތައް ދުޅަހެޔޮކޮށްދޭ އެއްޗެއް ނޫނެވެ. އޭގެ އިތުރުން، ނިޓްރިކް އޮކްސައިޑް ކިޔާ މާއްދާއެއްވެސް ހަށިގަނޑަށް ފޯރުކޮށްދެއެވެ. ނިޓްރިކް އޮކްސައިޑް އަކީ މާ ގިނައިން ކެއުމުން ދުރުކޮށްދޭ، އަދި މެޓަބޮލިޒަމް ރޭޓު ރަނގަޅު ވަރެއްގައި ހިފަހައްޓައިދޭ މާއްދާއެކެވެ. ސިއްޙީ މާހިރުން ހަދާފައިވާ ދެ ދިރާސާއަކުން ދައްކައިދެނީ، ވިޓަމިން ޑީ މަދުވުމަކީ މީހާގެ ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމެއް ކަމުގައެވެ.

3. އިސްތަށީ ފޭބުން

އިސްތަށި ފޭބުމަށް ތަފާތު އެކި ސަބަބުތައް މެދުވެރިވެއެވެ. އޭގެތެރެއިން ވެސް އެންމެ އާއްމު އެއް ސަބަބަކީ، ހަށިގަނޑުން ވިޓަމިން ޑީ މަދުވުމެވެ.

4. ފާރު ފަސޭހަވާން ގިނަ ދުވަސް ނެގުން

ގައިގެ ތަނެއް ހަލާކުވެ ނަގާފައި ހުންނަ ފާރުތައް ފަސޭހަ ވުމަށް އާދައިގެ ވަރަށްވުރެ ގިނަ ދުވަސް ނަގާނަމަ، އެއީ ވިޓަމިން ޑީ މަދުވުމުގެ އަލާމާތެކެވެ. ހަލާކުވެފައި ހުންނަ ތަންތަން ފަސޭހަވުމަށް، ވިޓަމިން ޑީ ވަރަށް މުހިއްމު ރޯލެއް ކުޅެއެވެ. އެއީ އެތަނަކަށް ހަމުގެ އާ ފަށަލައެއް ލައިދީ، އިންފެކްޝަންތަކާ ދުރުކޮށްދޭތީއެވެ.

5. ހުޅުތަކުގައި ރިއްސުން

ކަށިތައް ދުޅަހެޔޮކޮށްދީ ވަރުގަދަ ކޮށްދެނީ ކެލްސިއަމް އެވެ. ނަމަވެސް، ކެލްސިއަމް ހަށިގަނޑުން ބަލައިގަންނަނީ ވިޓަމިން ޑީގެ އެހީއާއެކުގައެވެ. އެހެންކަމުން، ވިޓަމިން ޑީ ނުލިބޭނަމަ ހުޅުހުޅުގައި ރިއްސުން އާއްމުވާނެއެވެ.

6. ނިދިން މަހުރޫމުވުން

ރޭގަނޑު ނިދަން އުނދަގޫވެ، ހަމަ ނިދި ނުލިބުމަކީ، ޤުދުރަތީ އަލިން ހަށިގަނޑު މަހުރޫމުވެފައިވާ ކަމުގެ އަލާމާތެކެވެ. ކަމާ ބެހޭ މާހިރުން ބުނާގޮތުގައި، އާޓިފިޝަލް އަލީގައި (މިސާލަކަށް ބޮކީގެ އަލި، ފޯނުގެ އަލި) އަބަދާއި އަބަދު އުޅޭނަމަ، ރޭގަނޑުގެ ހަމަ ނިދި ނިދަން އުނދަގޫވެއެވެ. އެހެންކަމުން، އިރުގެ އަލީގައި ވަގުތުކޮޅެއް ހޭދަކޮށްލަން ޖެހެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!