ޖުލައި މަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލާނީ

އަންނަ މަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލާނެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، ކޮވިޑް-19 ގެ ވޭދަނަތައް (ކޭސްތައް) ނެތް ރަށްރަށުގެ މީހުންނަށް އެއްވެސް ހުއްދައަކާއި ނުލާ އެއް ރަށުން އަނެއް ރަށަށް ދެވޭނެ ކަމަށެވެ.

“އެހެން ނަމަވެސް މިހާރު ކޮވިޑް-19ގެ ވޭދަނަތައް ހުރީ މާލެއިން ކަމަށްވާއިރު،މާލެ އިން ފުރާ މީހުންނަށާއި، އަންނަ މީހުންނަށް ކޮންމެވެސް ވަރެއްގެ ރިސްޓްރިކްޝަންތަކެއް ހުންނާނެ، އަދި އެ އޮންނަ އުސޫލުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް ކޮށްގެން، ފުރަން ޖެހޭ ފޯމްތަކާއި އެ އިންނަ ޕްރޮސެސް ފުރިހަމަ ކޮށްގެން އެއް ރަށުން އަނެއް ރަށަށް ދެވޭނީ”، ޝައިނާ ވިދާޅުވިއެވެ.

އަދި މިގޮތަށް ޑޮމެސްޓިކް އެއާޕޯޓްތައްވެސް ހުޅުވާ ލެވުނު ނަމަވެސް، މާލެ ސިޓީއަށް އަންނަ ނަމަ، ފުލުހުންގެ ފަރާތުންނަށް ކައުންސިލްގެ ފަރާތުން އެ ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭނެއެވެ.

“ކޮވިޑް ނެތް އެއް ރަށުން އަނެއް ރަށަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮތީމަ ޑޮމެސްޓިކް އެއާޕޯޓްވެސް ހުޅުވާނެ ގޮތަށް އަޅުގަނޑުމެން ލަފާ އަރުވަނީ”. ޝައިނާ ވިދާޅުވިއެވެ.

އެންއީއޯސީން ބުނީ، ބޮޑެތި ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން މައުލޫމާތު ދޭނެ ކަމަށެވެ. އެކަމަކު، މިއިން ކޮންމެ ލުޔަކީ ވެސް ވަގުތާއި ހާލަތައް ބަލައި ބަދަލުވެދާނެ ކަމެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!