ކޮމެޓީ ހޫނުވެ، ބަރުލަމާނީ ނިޒާމެއް ގެންނަން ގޮވާލައިފި

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ހާޒިރުކުރި ބައްދަލުވުން ހޫނުވެ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމް ކުރުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު މުމްތާޒު ގޮވާލައްވައިފިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅުންނާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހުސައިން ވިދާޅުވަނީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އޮންނަ ކަމަކީ ތިމާވެއްޓާއި އެނާޖީއާ ގުޅުން ހުރި ކަންކަމުގެ ސިޔާސަތު ކަނޑައެޅުން ކަމަށެވެ.

މިރޭ ކުރިއަށްދިޔަ ކޮމެޓީ ބައްދަލުވުމުގައި މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން ވަރަށް ހިތްހަމަނުޖެހި ހުންނަވައި ހުންނަވައި ފުވައްމުލައް ދެކުނު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދު ވިދާޅުވީ އެންވަރަޔަމެންޓް މިނިސްޓަރުގެ އިތުރުން އަދިވެސް ގިނަ މިނިސްޓަރުންގެ ފަރާތުން ވެސް ޒިންމާދާރުކަން ކުޑަ އަމަލުތައް ފެންނަ ކަމަށެވެ. ބައެއް މިނިސްޓަރުންނަށް އެއް ގޮތަކަށް ވެސް ރައްޔިތުންގެ އިހުސާސްތައް ނުދަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

“މިހާރު އެބަ ސުވާލު އުފެދޭ މިއީ އެންމެ ރަނގަޅު ނިޒާމުތޯ؟ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. ރައްޔިތުންގެ އިހްސާސްތައް ނޭނގޭ މިނިސްޓްރީތަކާއި މިނިސްޓަރުންތަކެއް ބައިތިއްބައިގެން އަޅުގަނޑުމެންނަކަށް ނޭނގޭ މިކަން ކުރާނެ ގޮތެއް. އަޅުގަނޑުމެންނަށް ރައްޔިތުން ގުޅަނީ. ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް ގެންނަން ވެއްޖެކަން ނޭނގޭ.” މުމްތާޒް ވިދާޅުވިއެވެ.

ޑރ. ޙުސައިން މިރޭ ކޮމިޓީއަސް ހާޒިރު ކުރީ ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމާ ގުޅޭގޮތުން ސުވާލު ކުރުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!