ހޯމަ ދުވަހުން ފެށިގެން ހުއްދައާއި ނުލައި ބަލި ނެތް ރަށްރަށުގެ މެދުގައި ދަތުރު ކުރެވޭނެ ކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީން ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމަށް އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ނެތް ރަށްރަށަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަކު، މާލެ އިން ފުރާ މީހުންނާއި މާލެ އަންނަ މީހުން ވަކި ޕްރޮސެސްއެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ، ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދޭން ނިންމާފައިވާއިރު، ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6-9 އާ ދެމެދު ކަމަށެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. އެ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވައިލާނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.
މީގެ އިތުރުން އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެނެވެ. އޭގެ ފަހުން ބޭރުތެރޭގައި އުޅެވޭނީ ހުއްދަ ލިބިގެންނެވެ.