މިނިސްޓްރީ އުވާލެއްވީ ނަމެއް ފޮނުވަން ނިންމާފައިވަނިކޮށް: އެމްއާރްއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އުވާލެއްވީ ހައުސިން މިނިސްޓަރަކަށް އެމްއާރްއެމްއިން ނަން ފޮނުއްވާ ބޭފުޅަކު ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ނަމެއް ފޮނުވަން ނިންމާފައިވަނިކޮށް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

އެމްއާރްއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ހައުސިން މިނިސްޓްރީ އުވާލުމަކީ ލިބުނު ހައިރާންކަމެއް ކަމަށެވެ. އެކަން ކުރެއްވީ ހައުސިން މިނިސްޓަރަކަށް އެމްއާރްއެމްއިން ފޮނުއްވާ ބޭފުޅަކު ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް، ރައީސް މައުމޫނަށް ދެއްވުމަށްފަހު ކަމަށެވެ. އަދި ރައީސް މައުމޫން ވަނީ ރޭ ބޭއްވި އެމްއާރްއެމްގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލްވުމުގައިވެސް އެކަން ހާމަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރައީސް އެގޮތަށް ވިދާޅުވަމުން ދެ ދުވަސް މަތިން އެކި ބޭފުޅުންނާ މަޝްވަރާކޮށް ހައުސިން މިނިސްޓަރުކަމަށް ފޮނުއްވާނެ ބޭފުޅަކު ކަނޑައަޅާ ނިމިފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އުވާލެއްވީ މިއަދުގެ ވަގުތެއްގައި ނަން ފޮނުވަން ނިންމާފައިވަނިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓަރަކަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ނަން ފޮނުވަން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެމްއާރްއެމްއިން ފައިނަލް ކުރި ނަމަކީވެސް ފާރިސްގެ ނަން ނޫންކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!