ބަނޑަށް ދަރިފުޅު މަރުވެފައި އޮތްކަން އެނގިހުރެ، ދިއްދޫ ހޮސްޕިޓަލަށް ދިޔައީ އާއިލާއިން އެގޮތަށް ބޭނުންވެގެން: ކުޅުދުއްފުށީ ހޮސްޕިޓަލް

ތިންމަހުގެ ދަރިފުޅު ބަނޑަށް މަރުވެފައިވަނިކޮށް ހއ.ދިއްދޫ ހޮސްޕިޓަލަށް ޓްރާންސްފަރކޮއްފައިވަނީ އާއިލާގެ އެދުމުގެމަތިންކަމަށް ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ވިދާޅުވެއްޖެއެވެ.

އެފަދަ ހާލަތްތަކުގައި އާއިލާއިން އެދިއްޖެނަމަ ހޮސްޕިޓަލުންދިއުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގެއުމާއި ހަވާލުވެހުރި އަހުމަދު ދާއޫދު ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު ދިއްދޫ ހޮސްޕިޓަލަށް ދިއުމުން ސްކޭންހެދެއް ނެތުމާއި އާސަންދައިން ކުޅުދުއްފުށީ ހޮސްޕިޓަލަށްދިއުމުގެ ފުރުސަތު ނުލިބުމުން އެ ދެމަފިރިން އެބުރި ރަށަށް ދިޔައީއެވެ. ބުދަދުވަހު އަމިއްލައަށް ލޯންޗެއް ހިފައިގެން ކުޅުދުއްފުއްޓަށް ދިއުމުން ސްކޭން ކުރުމަށްފަހު ދަރިފުޅު ބަނޑަށް މަރުވެފައިވާ ކަމުގައި ޑޮކްޓާރ ބުނުއްވިއެވެ.

ދަރިފުޅު މަރުވި މައްސަލައިގައި އާއިލާއިންވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިޙުމާލުވާކަމަށް ތުހުމަތުކޮއްފައެވެ. އާއިލާއިން ބުނެފައިވަނީ އެޑްމިޓްވެގެން ތިބެވޭނެ ތަނަވަސްކަމެއްނެތްކަމަށް ބުނުމުން ރަށަށް ދިއުމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

އެހެންނަމަވެސް  ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ހޮސްޕިޓަލަށް އައުމުން ސުކޭން ހެދިއިރުވެސް ދަރިފުޅު މަރުވެފައިވާކަމަށާއި އަދި އެވަގުތު އީއާރުގައި އެޑްމިޓްކޮށް ވިއްސަންޖެހޭނެކަމަށް ޑޮކްޓާރުން އާއިލާއަށް ލަފާދެއްވި ކަމަށެވެ. އެމީހުން ދިއްދޫ ހޮސްޕިޓަލަށް ޓްރާންސްފަރ ކޮއްފައިވަނީ އާއިލާގެ އެދުމުގެ މަތިންކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ އާއިލާއަށް އެކޮޅުގައި އެކޮމަޑޭޝަން ހަމަޖެއްސުމުގައި ފަސޭހަތަކެއް ހުރީމައި ކަމަށް ބެލެވޭ ކަމަށް މެނޭޖަރު ވިދާލުވިއެވެ.

އާސަންދަ ހަމަނުޖެހުނު މައްސަލައާއި ބެހޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އަހުމަދު ދާއޫދު ބުނެފައިވަނީ ރަގަނޅު ކުރަންޖެހޭ ވަރަށްގިން ކަންތަށްތަށް ހުރިކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ ބައެއް މީޑިއާ ތަކުގައި ބަނޑަށް 6މަސް ކަމަށް ބުނެފައިވިޔަސް އެ އަންހެންމީހާގެ ބަނޑަށް އަދި 3މަސްކަމުގައެވެ.

މިހާރު ދިއްދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެ އަންހެން މީހާގެ ހާލު ރަނގަޅުކަމަށް އެ ހޮސްޕިޓާލުގެ މެނޭޖަރު އުޘްމާނު އަޝްރަފު މައުލޫމާތުދެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!