މިނިސްޓަރު ޢާތިފާ އަކީ ވަރަށް އިޚްލާސްތެރި ކަމާއެކު ޚިދުމަތް ކޮށްދެއްވަމުން ގެންދެވި ހީވާގި ބޭފުޅެއް: އެމްއާރްއެމް

ހައުސިން މިނިސްޓަރު ކަމުން އާތިފާ ޝަކޫރު އިިސްތިއުފާ ދެއްވުމުން، އެކަމަނާގެ އަގުވަޒަންކޮށް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރްއެމް) މެމްބަރުން ތައުރީފުކޮށްފިއެވެ.

ސިއްހީ ހާލަތު ތަން ނުދޭތީ މިނިސްޓަރު ކަމުން އާތިފާ އިސްތިއުފާ ދެއްވާފައިވަނީ ބުދަ ދުވަހުއެވެ. އާތިފާގެ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.

އެމްއާރްއެމް އިން ނެރުނު ބަޔާނުގައި ވަނީ މިނިސްޓަރ އޮފް ހައުސިންގް އެންޑް އާރބަން ޑިވެލޮޕްމަންޓުގެ މަގާމުގައި ހުންނެވި އޮނަރަބަލް ޢާޠިފާ ޝަކޫރުގެ ޞިއްހީ ހާލަތު މިވަގުތު ހުރިގޮތުން މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާ ކުރެއްވުމަށް އުޒުރުވެރިވެވަޑައިގެން މިނިސްޓަރު ކަމުގެ މަގާމުން އިސްތިޢުފާ ދެއްވަންޖެހިވަޑައިގަތް ކަން އެއީ އެމް.އާރް.އެމް ގެ އެގްޒެކެޓިވް ކޮމިޓީ އަށާއި ޕާޓީގެ މެންބަރުން ވަރަށް ހިތާމަކުރާ ކަމެއްކަމަށެވެ.

އެކަމަނާ އަކީ، އެމް.އާރް.އެމް ބަދަލަށް މަސައްކަތްކުރި ޙަރަކާތެއްގެ ގޮތުގައި އޮތް މަރުހަލާ އިން ފެށިގެން މިހާތަނަށް އެމް.އާރް.އެމް އަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަ ކުރައްވާފައި ވެއެވެ.

އިތުރަށް ބަޔާނުގައި ވަނީ އެކަމަނާއަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު، ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވަމުން ގެންދެވި ތަޖުރިބާހުރި، ހީވާގި ބޭފުޅެއްކަމަށެވެ.

ނޮވެމްބަރ 2018 ގައި މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން އެކަމަނާގެ ސީދާ ބެއްލެވުމުގެ ދަށުން ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ވަނީ ގެންނަވާފައިވެއެވެ. ޒަމާންތަކެއް ވަންދެން ނުހެދި ހުރި، ދިރިއުޅުމަށް ދޫކުރާ ގެދޮރުގެ ކުލި ކަނޑައެޅުމުގެ ގާނޫނާއި، އެއްމެދު އިމާރާތްތަކާ ބެހޭ ގާނޫނުގެ ދެލިކޮޕީތައް އެކުލަވާލައްވައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅުއްވައި، އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމާ ގުޅިގެން ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވެއެވެ.

މީގެއިތުރުން، ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓު ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި، ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ޙިޔާލު ހޯއްދެވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!