އީޔޫ އިން ދޭ އިތުރު އެހީގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހިގެން ދާނެ: ހާރިޖީ ވަޒީރު

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވިލާތުގެ އިއްތިހާދު (އީޔޫ) އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް މެދުވެރިކޮށް ރާއްޖެއަށް ދޭން ކަނޑައަޅާފައިވާ އިތުރު އެހީގެ ކަންކަން ނިމިގެން ދާނެ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހާރިޖީ ވަޒީރު މިހެން ވިދާޅުވީ، އީޔޫގެ ހާރިޖީ ގުޅުންތަކާއި ސަލާމަތީ ސިޔާސަތާއި ގުޅޭ އެންމެ އިސް މަންދޫބު ޖޯސެފް ބޮރެލް ފޮންޓެލްސްއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން، އީޔޫ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުނު އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ، ކޮވިޑާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް އީޔޫއިން ވަމުން ގެންދާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އީޔޫއިން ވަނީ ކޮވިޑް-19އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން މިހާތަނަށް 3 މިލިއަން ޔޫރޯ (52.85 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ވެދީފައެވެ.

އެގޮތުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް މެދުވެރިކޮށް ދީފައިވާ 779 މިލިއަން ރުފިޔާގެ ލޯނަކާއި 86.5 މިލިއަން ރުފިޔާގެ ހިލޭ އެހީ އެ އިއްތިހާދުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!