ދިރާގުން ހިއްސާއަކަށް 12 ރުފިޔާ ބަހަން ފާސްކޮށްފި

ދިރާގުން އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 12ރ. ގެ މަގުން ބަހަން ނިންމައިފި އެވެ.

ދިރާގުގެ 31 ވަނަ އަހަރީ އާންމު ޖަލްސާ މިއަދު ހެނދުނު ވަނީ ބާއްވާފައެވެ. ޖަލްސާ ބާއްވަފައި ވަނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ‘ފަހިވޯޓް’ މެދުވެރިކޮށް ވަރޗުއަލްކޮށެވެ. މިއީ ދިރާގުން ފުރަތަމަ ފަހަރަށް ވަރޗުއަލްކޮށް ބޭއްވި އަހަރީ ޢާންމު ޖަލްސާއެވެ. އަދި މިއީ “ފަހިވޯޓް” މެދުވެރިކޮށް ކުންފުންޔަކުން ބޭއްވި ފުރަތަމަ ވަރޗުއަލް އަހަރީ ޢާންމު ޖަލްސާވެސް މެއެވެ.

މި ޖަލްސާގައި އެ ކުންފުނީގެ 68 ހިއްސާދާރުން ބައިވެރިވެފައިވާއިރު ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 7.86ރ. ބަހަން ފާސްކޮށްފައިވަނީ ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.

ދިރާގުން ކޮންމެ އަހަރަކު ވެސް ހިއްސާގެ ފައިދާ ދެ ފަހަރު ބަހަ އެވެ. އެގޮތުން އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި މިދިޔަ އަހަރު ހިއްސާއަކަށް 4.14ރ. ވަނީ ބަހައިފަ އެވެ. އަދި މިއަދުގެ ޖަލްސާގެ ނިންމުމާއެކު، ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 7.86ރ. ހިއްސާދާރުންނަށް ބަހާނެ އެވެ. އެހެންކަމުން ފައިދާއަށް 12ރ. ހިއްސާއަކަށް ލިބޭނެ އެވެ.

ދިރާގުގެ އެންމެ ފުރަތަމަ ވަރޗުއަލް އަހަރީ ޢާންމު ޖަލްސާ ބޭއްވުމާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން އަލަށް އަހަރީ ޢާންމު ޖަލްސާ ވަރޗުއަލްކޮށް ބޭއްވުން ވެގެން ދިޔައީ ކުރެވުނު ވަރަށް ތަފާތު، އަދި ރަނގަޅު ތަޖުރިބާއަކަށް ކަަމަށެވެ.

ދިރާގުން 2019 ވަނަ އަހަރު ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭގެ ނަތީޖާއެއް ގޮތުން، ކުންފުނީގެ މޯބައިލް، ފިކްސްޑް ބްރޯޑްބޭންޑް، އެންޓަޕްރައިޒް އަދި މެނޭޖްޑް ސާވިސް ކެޓެގަރީތަކުގެ ކަސްޓަމަރުން އިތުރުވެ ޓެލެކޮމިއުނިކޭޝަންސް ސިނާއަތުގައި ދިރާގުގެ މާކެޓް ޝެއަރ ހިފެހެއްޓިފައިވުމެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ތަޢާރަފުކުރި “ޑިޖިޓަލް ރާއްޖެ” ޕްރޮގުރާމް ވެގެންދިޔައީ ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ފްރޮގުރާމަކަށެވެ. އެގޮތުން ދިރާގުން ވަނީ “ހައި ސްޕީޑް ފައިބާ ޓު ދަ ހޯމް”ގެ ހިދުމަތް ރާއްޖޭގެ 75 ޕަސެންޓު ގޭބިސީ އަށް މިހާރު ފޯރުކޮށްދީފަ އެވެ. ދިރާގުގެ ފައިބާ ނެޓްވޯކް ދިވެހިރާއްޖޭގެ 58 ރަށަކަށް ފުޅާ ކުރުމުގެ މަޝްރޫއުގެ ނަތީޖާއެއްގެގޮތުން މި ނެޓްވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އަވަސް، އެންމެ ބޮޑު ފައިބަ ނެޓްވޯކު ކަމަށް ދިރާގުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!