މުއިއްޒު އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމް އިން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

މާދަމާ ރޭ 8:15 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވާ ކަން މުއިއްޒު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެނެވެ.

އެމައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ޑރ. މުއިއްޒު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުތަކެއް ކޮށް ބަޔާން ވެސް ނަގާފަ އެވެ.

ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. 

ޑރ. މުއިއްޒު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާނެ ކަން އިއުލާންކޮށްފަ އެވެ. އަދި މީގެ ކުރިން އޭނާ ފުލުހަށް ހާޒިރު ކުރުމުން އެކަން ސިފަކޮށްފައިވަނީ ކެމްޕެއިނަށް ހުރަސް އެޅުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!