ހައުސިން މިނިސްޓަރުކަމަށް ގެންނަ ކޮންމެ މީހަކަށް ވޯޓެއް ނުދޭނަން: އެމްޕީ ޝަހީމް

ހައުސިން މިނިސްޓަރުގެ މަގާމަށް ކުރިމަތިލާ ކޮންމެ މީހަކަށް ރުހުން ދޭން ވޯޓު ނުދެއްވާނެ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ އެކަމަނާގެ ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެ ވަނީ އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މީގެ ދެ ދުވަސް ކުރިން ސިޓީއެއް ފޮނުއްވާފަ އެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދެނީ ބޯހިޔާވެހިކަން ކަމަށެވެ. އަދި ހައުސިން މިނިސްޓަރު ކަމަށް ވަޑައިގަންނަވާ ކޮންމެ ކޮންމެ މީހަކަށް މަޖިލީހުގައި ރުހުމުގެ ވޯޓު ދެވެން ނެތް ކަމަށެވެ.

ހައުސިން މިނިސްޓަރުގެ މަގާމަށް އެމްއެމްއާރުގެ ބޭފުޅަކު ގެނައުމަށް މަޝްވަރާތަކެއް ކުރެވޭކަމަށް ރޭ ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވިފައިވާއިރު އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ މާލޭ ސިޓީކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އެމަގާމަށް ގެނައުމަށްކަމަށް އެމްޑީޕީގެ ބައެއް ވައިބާ ގްރޫޕްތަކުގަ ބުނަމުން އަންނަކަމަށް މައުލޫމާތު ލިބޭ އިރު އައްޔަންކުރާނެ ބޭފުޅަކާ ގުޅޭ ގޮތުން ކުރެވޭ ބަހުސް ވަނީ ބޮޑުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!