ކާން ނުލިބޭތީ ޝަކުވާ ކުރުމުން، މާލޭ ގެއަކުން ދެޒުވާނަކު މަގުމަތިކޮށްލައިފި

ކުއްޔަށް މީހުން ބައިތިއްބާ ގެއަކުން ގަޑިން ގަޑިއަށް ކާން ނުލިބޭ ކަމުގެ ޝަކުވާކުރުމުން ދެޒުވާނަކު ރޭ މެންދަމުގެ ވަގުތެއްގައި މަގުމަތިކޮށްލައިފިއެވެ.

އޮންލައިން ނޫސް “ވަގުތު” އަށް އެ ދެޒުވާނުން މައުލޫމާތު ދެމުން ބުނީ އެގޭގައި އުޅެމުން އަންނަތާ ހަމަހެއްހާ ދުވަސް ވެފައިވާ ކަމަށާއި، ދިރިއުޅެމުން ދިޔައީ ވަރަށް ދަތި ހާލުގަި ކަމަށެވެ.

އެގޮތުން ގަޑިން ގަޑިއަށް ކާން ލިބޭނެ ކަމަށް ބުނި ނަމަވެސް ގިނަ ރޭ ރޭ ޑިއުޓީ ނިންމާފައި އަންނައިރު ކާން ނުލިބޭ ކަމަށާއި ހެނދުނުގެ ސައި ލިބޭނެ ކަމަށް ބުނި ނަމަވެސް ސައި ނުހަދާކަމަށް ބުނާކަމަށެވެ. އޭގެއިތުރުން ކާންދޭ ތަކެތީގައި އެއްވެސް ސާފުތާހިރު ކަމެއްވެސް ނުހުންނަ ކަމަށް ވެސް އެމީހުން މައުލޫމާތު ދީފައިވެއެވެ.

މިކަމާއި ގުޅިގެން ކޮޓަރީގައި އުޅޭ ކުދިން ގޭގެ ވެރިފަރާތާއި ވާހަކަ ދައްކައި އެކަންކަން ހައްލުކޮށްދިނުމަށް އެދުމަށް ކަމަށާއި، ނަމަވެސް އޭނާ އެ ފުރުސަތު ދީފައި ނުވާކަމަށް ބުންޏެވެ.

ރޭ ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް ދިއުމުން “ކަލޭމެން ކޮންމެހެން އަހަރެންނަށް ޖެއްސުން ކުރާނެ ކަމެއް ނެތް” ކަމަށް ބުނެ ވަގުތުން ގެއިން ނެރެލާފައިވާ ކަމަށާއި، ގެއިން ނިކުތް އިރު 1:20 ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެޒުވާނުން މިހާރު ތިބީ ރަހުމަތްތެރިއެއްގެ އެހީއާއި އެކު ކޮޓަރިއެއްގައި ކަމަށާއި، ކޮވިޑް-19ގެ ކަންކަން އޮއްވައި ގެއިން ނެރެލުމަކީ ދަތިވާނެ ކަމެއް ކަމަށް އެނޫހަށް އެމީހުން މައުލޫމާތު ދިނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!