ސްޓެލްކޯއިން ގޭގެއަށް ރީޑިން ނަގަން ދާން ފަށަނީ

މިއަދުން ފެށިގެން މީޓަރުތަކުން ރީޑިން ނަގަން ސްޓެލްކޯ މުވައްޒަފުން ގޭގެއަށް ދާ ގޮތަށް ނިންމައިފިއެވެ.

ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފާއިތުވި ދެ މަހު ވެސް ބިލު ހަދަމުން އައިސްފައިވަނީ އެ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ފޮޓޯތަކަށް ކަމަށެވެ. 

އެކަމަކު، ވެބް ޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައި ކަމަށާއި އެގޮތުން ދެ މަހު ވެސް ގިނަ މީޓަރުތަކެއްގެ ފޮޓޯ ނުލިބި ހުރުމުން ފޮޓޯ ނުލިބޭ މީޓަރުތަކަށް ބިލު ހަދާފައި ވަނީ ފާއިތުވި މަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލައި އެވްރެޖްކޮށް ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.

އެގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ރީޑިން ނަގަމުންގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ނަމަވެސް، މިހާލަތުގައިވެސް ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭތީ، މިހާލަތާ ގުޅިގެން ވަދެނުކުމެ ވުމުގައި ދަތި ތަންތަނަށް ބިލްހަދަމުންދާނީ ވެބްޕޯޓަލް މެދުވެރިކޮށް ލިބޭ ފޮޓޯއަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ ފޮޓޯ ނުލިބޭ ތަންތަނަށް ކުރީގެ މަސްތަކުގެ އެވްރެޖަށް ބިލް ހަދަމުން ގެންދާއިރު ފޮޓޯ ފޮނުވަން ޖެހޭ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، ރީޑިން ނަގަން ފެށުމާއެކު، ކުރިންވެސް އިއުލާންކޮށްފައިވާ ގޮތައް އެވްރެޖްބިލް ފޮނުވާފައިވާ ކަސްޓަމަރުންގެ ބިލްތަކަށް ގެންނަންޖެހޭ އެޖަސްޓްމަންޓް ނުވަތަ ބަދަލުތައް ގެންނަމުން ގެންދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!