ފިލްމު އިންޑަސްޓްރީއާ ބެހޭގޮތުން ގޯސް ވާހަކަ ދައްކަނީ މަސައްކަތެއް ނުލިބިފަ ތިބޭ މީހުން: ނަވާޒުއްދީން

ނަވާޒުއްދީން ސިއްދީގަކީ ބޮލީވުޑުގައި ފާހަގަކޮށްލެވޭ ވަރުގެ ނަމަކަށް ވާން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ. ކުދި ރޯލުތައް ކުޅެމުން އިސް ސަފަށް އަންނަން ވަރަށް ދުވަސް ނެގިއެވެ. އެއާއެކު، ނަވާޒުއްދީން މިހާރު އަންނަނީ އެކަމުގެ ބަދަލުގައި ބޮލީވުޑަށް ތަޢުރީފުކޮށް، ފިލްމު އިންޑަސްޓްރީ ދިފާޢުކުރަމުންނެވެ. އެގޮތުން، ‘ޕިންކްވިލާ’ އަށް ދިން އިންޓަވިއުއެއްގައި، ނަވާޒުއްދީން ވަނީ ބޮލީވުޑު ބަދުނާމުކޮށް ވާހަކަ ދައްކާ މީހުންނަށް ވަރުގަދަ ރައްދެއް ދީފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ނުކުތް ނަވާޒުއްދީން ކުޅެފައިވާ “މޯޓީޗޫރު ޗަކްނާޗޫރު” ގެ ޕްރޮމޯޝަންގައި ވާހަކަ ދައްކަމުން އޭނާ ބުނީ، ބޮލީވުޑަކީ އެތައް ބައެއްގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދީފައިވާ ތަނެއް ކަމަށެވެ. އަދި “މީޓޫ މޯވްމެންޓު” ގެ ނަމުގައި ބޮލީވުޑުގައި އުޅޭ އިސް ފަރާތްތަކުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ އެއްވެސް މަސައްކަތެއް ނެތިފައި ތިބޭ ފަންނާނުން ކަމަށްވެސް ނަވާޒުއްދީން ތުހުމަތުކުރިއެވެ. “ޙަޤީޤަތަކީ، ބޮލީވުޑަކީ މީހާގެ ހުނަރަށް ބަލާ ތަނެއް. ދެން އެވަރަށް ހުނަރު ނެތީމަ ވަކި ހިސާބަކުން އެއްވެސް މަސައްކަތެއް ނުލިބެން ފެށީމަ އެކަމުގެ ރުޅީގަ އެއުޅެނީ އިންޑަސްޓްރީގެ އަގު ވައްޓައިލަން”، ނަވާޒުއްދީން ބުންޏެވެ.

ހަމައެއާއެކު ނަވާޒުއްދީން ބުނީ، އެގޮތަށް ބޮލީވުޑުގެ އަގު ވައްޓަނީ، ބޮލީވުޑުން ކޮށްދީފައިވާ ކަންތައްތަކަށް ޝުކުރުވެރިވާން ނޭނގޭ މީހުން ކަމަށެވެ. އަދި ފިލްމު އިންޑަސްޓްރީ ވަރުގެ ރައްކާތެރި ތަނެއް ނެތް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނަވާޒުއްދީން، 46، އަށް މަޝްހޫރުކަން ލިބެން ފެށީ 2010 ވަނަ އަހަރު ނުކުތް “ޕީޕްލި ލައިވް” ފިލްމުގައި ކުޅުނު ނޫސްވެރިއެއްގެ ރޯލުންނެވެ. އެއަށްފަހު އޭނާ ކުޅުނު ބައެއް ފިލްމުތަކަށް ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް މަޤުބޫލުކަން ލިބިފައެވެ. އަދި ބޭރުގެ ބައެއް ޑައިރެކްޓަރުންނާއި ފިލްމީ އެކިއެކި މީހުންގެ ތަޢުރީފުވެސް ނަވާޒުއްދީނުގެ އެކްޓިންއަށް ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!