ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން މަޖިލީހުގެ ރުހުން އޮންނާކަށް ނުޖެހޭ: އެމްޕީ އަލީ ހުސެއިން

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަން ނުޖެހޭ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، ސިއްހީ ކުއްލި ހާލަތުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދެވެ.

އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އޭގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްނަމަ، 14 ދުވަސް ތެރޭގައި މަޖިލީހަށް މެންބަރުން އެއްވެ އޭގެ މަސައްކަތް ފަށަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

އެމްޑީޕީގެ އެ މެންބަރުގެ މި ބިލުގައި ބުނާ ގޮތުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރަށް ރުހުން ދިނުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. ގަރާރަށް މަޖިލީހުން ގެންނަން ބޭނުންވާ ބަދަލެއް ގެނެވޭނެ އެވެ. އަދި ގަރާރު ބާތިލް ކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ ކަމަށް ބިލުގައިވެ އެވެ.

ބިލުގައި ބުނާ ގޮތުން، އެ ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާއިރު ކުއްލި ހާލަތެއް އިއުލާންކޮށް އެ ހާލަތު ނިމުމަކަށް ގެނެސްފައި ނުވާނަމަ އެ ހާލަތުގެ ގަރާރާ މެދުގައި ވެސް އަމަލު ކުރަން ޖެހޭނީ ބިލުގައި ބުނެފައިވާ ގޮތަށެވެ. އެހެންކަމުން މަޖިލީހުން ބިލު ފާސްކުރާއިރު، މިހާރު އިއުލާންކޮށްފައިވާ ކުއްލި ހާލަތު ނިމުމަކަށް ނުގެންނަނަމަ، އެ ގަރާރުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން މަޖިލީހަށް އެ ގަރާރު ފޮނުވައި ރުހުން ހޯދަން ޖެހޭނެ އެވެ.

ބިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ސިއްހީ ކުއްލި ހާލަތުގެ ގަރާރުގައިވާ މުއްދަތު ދިގު ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިގެން ހެލްތު މިނިސްޓަރަށް އަންގައިފިނަމަ އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން މަޖިލީހަށް ހުށަހަޅައި އެ މުއްދަތު އިތުރު ކުރަން މަޖިލީހުން ފާސްކުރަން ޖެހޭނެ އެވެ.

އެކަމާ ގުޅިގެން އަލީ ހުސެއިން ވިދާޅުވީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން މަޖިލީހުގެ ރުހުން އޮންނަން ނުޖެހޭނެ ކަމަށާއި މަޖިިލީހުގެ މެޖޯރިޓީ ނެތިވެސް ރިޔާސީ ނިޒާމުގައި ސަރުކާރު ހިންގެން ޖެހޭނެ ކަމަށެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި މަޖިލީހަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރުވެސް ލިބިގެން ދެއެވެ. މަޖިލީހުން ބޭނުންވެއްޖެ ނަމަ މަޖިލީހުން ވަކި ބައެއް ނުވަތަ ގަރާރު އެއްކޮށް ފާސްކުރުމުގެ ބާރުވެސް ލިބޭ ގޮތަށް ވަނީ ގާނޫނަށް އިސްލާހު ހުށަހަޅާފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރާއިރުވެސް އިތުރު ކުރެވޭނީ 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!