4 މަސް ފަހުން މަހާޖައްރާފުގައި މަސައްކަތް ކުރާނީ ހުސް ދިވެހިން

ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާޖައްރާފުގައި މަސައްކަތް ކުރާ ބިދޭސީންގެ މުވައްޒަފުންގެ ބަދަލުގައި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މުޅިން ވެސް ދިވެހި މުވައްޒަފުންނަށް ބަދަލު ކުރާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި އާޒިމް ވިދާޅުވީ، ކޮންމެ ކުންފުންޏެއްގެ ވެސް ހިންގުން ވަރުގަދަ ކުރުމަށް ދިވެހި މުވައްޒަފުން ގިނަ ކުރަންޖެހޭ ކަމަށެވެ. އެގޮތުން، އެމްޓީސީސީގެ އެންމެ ހަރަދު ބޮޑު މަހާޖައްރާފުގައި މަސައްކަތް ކުރަން މުޅިން ވެސް ދިވެހި މުވައްޒަފުން ނެގުމުން އަހަރެއްގެ މައްޗަށް 7.5 ނުވަތަ 8 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާޖައްރާފުގައި މިހާރު މަސައްކަތް ކުރަނީ ފަސް ބިދޭސީންނެވެ.

އެމްޓީސީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާއިރު، އެފަދަ ކުންފުންޏަކަށް ލިބޭ ކޮންމެ ފައިދާއަކީ ވެސް ދިވެހިންނަށް ލިބޭ ފައިދާއަކަށް ހަދަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މަހާޖައްރާފުގެ އިތުރުން، އިމާރާތް ކުރުމުގެ ދާއިރާގައި ވެސް އެމްޓީސީސީ އަށް ދިވެހިން ގިނަ ކުރުމަށް އާޒިމް ވަނީ ނިންމަވައިފަ އެވެ.

އޭނާ ވިދާޅުވީ، އެމްޓީސީސީން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 200 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ. މީގެ ތެރެއިން 50 ޕަސެންޓު ހޭދަ ކުރަނީ ބިދޭސީންނަށް ކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ކުންފުންޏަށް ލިބޭ ކޮންމެ ފައިދާއަކީ ދިވެހިންނަށް ލިބޭ ފައިދާއަކަށް ހެދުމަށް ދިވެހި މުވައްޒަފުން ހޯދަންޖެހޭ ކަމަށެވެ.

އެގޮތުން މިހާތަނަށް އެކި ރަށްރަށުން ދިވެހި މުވައްޒަފުން ހޯދަން ގިނަ މަސައްކަތްތައް އެމްޓީސީސީން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!