އިސްތިއުނާފުކުރާ މައްސަލަތައް ޓްރައިބިއުނަލުން ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް އީސަ ވިދާޅުވެއްޖެ

ވަޒީފާއާ ބެހޭ ގާނޫނުގެ މަގްސަދު ހާސިލް ކުރެވޭނީ ކޯޓުގައި އިސްތިއުނާފު ނުކުރެވޭ މައްސަލަތައް ޓްރައިބިއުނަލުގައި ތަންފީޒުކުރުމުގެ ބާރު އޮވެގެންކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން އީސަ ވިދާޅުވީ ވަޒީފާގެ ޓްރައިބިއުނަލުން ނިންމާ މައްސަލަ ކޯޓުގައި ތަންފީޒު ނުކުރުމަކީ އިންސާފު ހޯދުމަށް ދިމާވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

އެހެންކަމުން ވަޒީފާގެ މައްސަލަތަކުގައި ގޮތް ނިންމާފައިވާ މައްސަލަތައް ތަންފީޒު ކުރުމުގެ ބާރު ޓްރައިބިއުނަލްއަށް އޮތުން މުހިންމު ކަމުގައި ވިދާޅުވި އެވެ.

“މި ގާނޫނު އިސްލާހުވެގެން އަންނައިރު އަޅުގަނޑު ވަރަށް އެދެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް މަތީ މަރުހަލާ ކޯޓެއްގައި އިސްތިއުނާފު ނުކުރާ މައްސަލަތައް ތަންފީޒު ކުރުމުގެ ބާރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މި ގާނޫނުން ދިނުން. މިހާރު އޮންނަ ގޮތަކީ ޓްރައިބިއުނަލުން ނިންމާ ނިންމުން އަނެއްކާ ޖެހެނީ މަދަނީ ކޯޓުގައި އިސްތިއުނާފު ކުރަން. ވަޒީފާއާ ބެހޭ ގާނޫނު ބުނަނީ ޓްރައިބިއުނަލް އުފެއްދުމުގެ ބޭނުމަކީ ވީހާވެސް އަވަހަށް ވަޒީފާ އަދާކުރާ މީހުންނަށް އިންސާފު ހޯދައިދިނުންކަމަށް އެ މަގްސަދު ފުރިހަމައެއް ނުވާނެ ތަންފީޒީ މަރުހަލާ އެހެން ކޯޓަކާ ހަވާލުކޮށްގެންނޭ،” އީސަ ވިދާޅުވި އެވެ.

އަދި ޕްރޮބޭޝަން މުއްދަތު ތިންމަހަށް ބޭއްވުމަށް ތާއީދުކުރާކަމަށް އީސަ ވިދާޅުވި އެވެ. އެ މުއްދަތުގެ ތެރޭގައި ލިބޭ އިނާޔަތާއި މުސާރައިން ކެނޑުމަށް ތާއީދު ނުކުރާކަން ވެސް ވަނީ އޭނާގެ ވާހަކައިގައި ފާހަގަކޮށްފަ އެވެ. 

އިތުރުން އީސަ ވިދާޅުވީ ވަޒީފާ ދޭމީހުންނާއި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނީ ގޮތުން ކުރާ ކޮންމެ މަސައްކަތެއް ބަލައިގަންނަ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!