ޖަވާބުދާރީވުމަށް އާމިރާ އަށް ފަސް ދުވަސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތުމަތު އާމިރާ ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީއަށް ޖަވާބުދާރީވާން އާމިރާއަށް ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވަން އެ ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ނިންމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ފަސް ދުވަހުގެ މުއްދަތެއް ލިޔުމުން ޖަވާބުދާރީވުމަށް އާމިރާ އަށް ދިނުމަށެވެ.

އާމިރާގެ އިތުރުން ސީއެސްސީގެ ދެން ތިއްބެވި މެމްބަރުން ކަމަށްވާ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ މުހައްމަދުގެ އިތުރުން އިބްރާހިމް ޝަހީގް ވެސް ވަކިކުރަން އެ ކޮމެޓީން އޮތީ ކުރިން ނިންމައިފަ އެވެ. އެ ހަތަރު މެމްބަރުން ވަކިކުރުމުގެ މައްސަލަ ކުރިން ތަޅުމަށް ފޮނުވިޔަސް، އެ މައްސަލަ އޭރު ކޮމެޓީން ނިންމީ ކޮމެޓީގައި މަދު މެމްބަރުންތަކެއް ބައިވެރިވި ބައްދަލުވުމެއްގައި ކަމަށްވާތީ އެ މައްސަލަ އަނބުރާ ކޮމެޓީ އަށް އޮތީ ފޮނުވާލައިފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އާމިރާއަށް ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވާނީ ލިޔުމުން ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. އެ ގޮތަށް ކޮމިޓީން ނިންމީ ސީއެސްސީގެ ބާކީ ތިބި ހަތަރު މެންބަރުންނަށް ވެސް ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ދީފައިވާތީ އެވެ

އާމިރާ ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރަން ކޮމިޓީން ފެށިއިރު، އޭނާއަކީ މި ސަރުކާރު އައި ފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު ސީއެސްސީއަށް އައްޔަން ކުރި މެންބަރެކެވެ. އެ ކޮމިޝަންގެ ދެން ތިއްބެވި މެންބަރުންނަކީ ކުރީގެ ސަރުކާރުގައި އައްޔަން ކޮށްފައިވާ މެންބަރުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!