ބްރޯޑްކޮމް ގެ މެންބަރު ޒީނާގެ މައްސަލަ ކޮމިޓީން ބަލަން ފަށައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ޒީނާ ޒާހިރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލު ވެފައިވާ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަބް ކޮމިޓީއަކުން ބަލަން ފަށައިފި އެވެ.

ނަވާރަވަނަ މަޖިލިސް ފެށިއިރު ބްރޯޑްކޮމްގައި ތިއްބެވި ވަކިވަކި މެންބަރުންގެ މައްސަލަތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުންގެންދާ އުސޫލުގެ މަތިން މިއަދުގެ އެ ސަބް ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ކޮމިޓީން ބަލަން ފެށި މައްސަލަތަކުގައި ހިމެނޭ ބްރޯޑްކޮމްގެ މެންބަރު ޒީނާ ޒާހިރުގެ މައްސަލަ ދިރާސާ ކުރުމެވެ. ކުރިން ޒީނާ ކޮމިޓީއަށް ހާޒިރު ނުކުރެވުނީ އޭނާ މެޓާނިޓީ ލީވްއެއްގައި ހުރުމުންނެވެ.

ސަބް ކޮމިޓީން ނިންމާފައިވަނީ ޒީނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގަވާއިދު ބުނާ ގޮތަށް ފަސް ދުވަސް ފަހުން ކޮމިޓީއަށް ހާޒިރުވާން އެންގުމަށެވެ.

ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތަކެއް ސަބް ކޮމިޓީން ބަލަން ފެށިއިރު، އެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި މިހާރު ތިއްބެވީ ޒީނާގެ އިތުރުން މެންބަރު އައިމިނަތު ސަހާރަތު އިއްޒަތާއި، މެންބަރު އަމްޖަދު ވަހީދެވެ. ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަން ފެށުމާއެކު އޭރު ކޮމިޝަންގައި ތިއްބެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ކޮމިޝަނުން އިސްތިއުފާ ދެއްވި އެވެ. ބްރޯޑްކޮމްގެ އޭރު ރައީސް މުހައްމަދު ޝަހީބް ވަކި ކުރަން ތަޅުމަށް ފޮނުވުމާއެކު އޭނާ ވެސް އިސްތިއުފާ ދެއްވީ އެވެ. ފާތުމަތު ޒައިނާ ވަކިކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރީ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!