އިންޓަނެޓު އަގު ހެޔޮކުރެވޭނެ ތާރީހެއް 30 ދުވަސްތެރޭ މަޖިލީހަށް އަންގަން ފާސްކޮށްފި

އިންޓަނެޓް އަގުހެޔޮކުރެވޭނެ އަދި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާބެހޭ ޓެކްނިކަލް ރިޕޯޓަކާއި، ކްރޮސްވޯޑް އީކޮމާސް ގާއިމްކުރުވޭނެ ދުވަހެއް 30 ދުވަސް ތެރޭގައި ކަމާބެހޭ ފަރާތްތަކުން މަޖިލީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ، ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނުވައިދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ހިމަނައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ ގަރާރު ފާސްކުރީ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ރިޕޯޓްގައި ބޮންޑާ ހުށަހަޅުއްވާފައި ވަނީ މި ރިޕޯޓް މަޖިލީހުން ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސްވޯޑާ އީކޮމާސް ރާއްޖޭގައި ފެއްޓޭނެ ކަމަށް ލަފާކުރެވޭ ތާރީހާއި، އެ މަސައްކަތަށް ހޭދަވާނެ ވަގުތު އަންގައިދޭ ތާވަލެއް އެމްއެމްއޭއިން އެކުލަވާއި މަޖިލީހަށް ހުށަހަޅަންވާނެ، ކަމަށެވެ. އަދި ރަށްރަށަށް ދީފައިވާ ފައިބަރު ކަނެކްޝަންގެ މައުލޫމާތާއި، ފައިބަރު ކަނެކްޝަންގެ ހިދުމަތް ގާއިމްކޮށްފައި ނުވާ ރަށްރަށުގެ ތަފްސީލާއި އެރަށްތަކުގައި ފައިބަރު ކަނެކްޝަންގެ ހިދުމަތް ދެމުން ނުދާ ސަބަބު ބަޔާންކޮށް ރިޕޯޓެއް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!