ފޮޓޯ: ގޫގުލް

ބާކައުންސިލުން އުޅެނީ ގާނޫނީ ދާއިރާ އަށް ބަޔަކު ނުކުމެދާނެތީ އެކަމަށް ހުރަސް އަޅަން: ޔައުގޫބް

ވަކީލުންނަށް ލައިސަންސް ދިނުން ލަސްކުރަން ބާކައުންސިލުން މަސައްކަތްކުރާ ކަމަށާއި އެ ކައުންސިލްގެ މެމްބަރުން މަސައްކަތް ކުރައްވަނީ ގާނޫނީ ދާއިރާ އަށް އާ ބަަޔަނު ނުކުމެދާނެތީ އެކަމަށް ހުރަސް އަޅަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮންނަ ބާ ކައުންސިލްގެ އިމްތިހާނާއި ތަމްރީން ޕްރޮގްރާމްގެ ޝަރުތު ފަސް ކުރުމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ ދަރިވަރުންނަށް ޓަކައި އެ ބިލަށް ތާއީދު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބާކައުންސިލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެ ކައުންސިލަށް އިންތިހާބުވެވަޑައިގަންނަވަން ވަރަށް ޝައުގުވެރިކަމާ އެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. ނަމަވެސް ބާކައުންސިލަަށް އިންތިހާބުވުމުން އެ ބޭފުޅުންގެ ޚަބަރެއް ހިލަމެއް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑު އަދިވެސް މި ގާނޫނުގެ އެއްވެސް އުނިކަމެއް ހުރި ކަމަކަށް ގަބޫލެއް ނުކުރަން. ނަމަވެސް މި މަސައްކަތް ކުރަން ހަވާލު ކުރި ފަރާތުގެ އިހުމާލާ ގުޅިގެން އަޅުގަނޑުމެންނަށް އަނެއްކާ ވެސް މި އޮތީ މި ގާނޫނު ބަދަލު ކުރަން ޖެހިފައި. ގާނޫނު ތަންފީޒު ކުރާނެ މީހެއް ނުބަހައްޓަން ޖެހޭ ހާލަތަށް މި ދަނީ.” ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ ބާ އިމްތިހާނު ބޭއްވުން ލަސްކޮށްފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެއީ ގާނޫނީ ދާއިރާއަށް އާ ބަޔަކު ނުކުމެ، ކުރީގެ ނުފޫޒު ގަދަ ބޭފުޅުންގެ ނުފޫޒު އެކަމުގެ ސަބަބުން ގެއްލިދާނެތީ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!