އަންނަ ޖުލައި މަހު ސްކޫލްތައް ހުޅުވާލަނީ

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު ނިއު ނޯމަލްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް ހުޅުވަން ރާވާފައިވަނީ ޖުލައި މަހު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އަންނަ ޖުލައި މަހު ލޮކްޑައުނަށް ދިނުމަށް ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ސްކޫލަތައް ހުޅުވުމަށް ނިންމާފައިވާ ކަން ވަނީ އެނގިފައެވެ. ޖުލައި މަހު ފުރަތަމަ ކިޔެވުން ފަށާނީ ގްރޭޑް-09 އާއި ގްރޭޑް-12 އާއި ދެމެދުގެ ދަރިވަރުންނަށް ކަމަށާއި އަދި ޖުލައި މަހުގެ މެދުތެރެއިން ފެށިގެން ގްރޭޑް-07 އާއި ގްރޭޑް-08 ގެ ދަރިވަރުންގެ ކިޔެވުން ވެސް ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެޑިއުކޭޝަންގެ ފަރާތުން އަންނަނީ ސްކޫލްތައް ހުޅުވައިގެން ކިޔަވައި ދިނުން ފެށުމައްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންގެ ތެރެއިން ރިސްކް ހައި ދަރިވަރުންގެ މައުލޫމާތު އެއްކުރަން ވަނީ ފަށާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު ގައިޑްލައިނުގައި ބުނެފައިވާ ގޮތުން، ސްކޫލުތައް އަލުން ހުޅުވާލާއިރު އަމަލުކުރަންޖެހޭ ސްކޫލުގެ ޕްރިންސިޕަލާއި މެނޭޖްމަންޓް ޓީމުން ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް ތައްޔާރުކޮށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރަންޖެހޭނެ ކަމަށެވެ. އަދި އެ ގައިޑްލައިނަށް ބަލައިގެން ސްކޫލުތަކުން އަމިއްލަ ގައިޑްލައިންތަކެއް ހަދައި ހިއްސާ ކުރެވޭނެއެވެ.

އޭގެ އިތުރުން ދިމާވާ ކުއްލި ކަންކަމުގައި ހަރަކާތްތެރިވުމަށް ސްކޫލުގެ މުވައްޒަފުން ހިމެނޭ ގޮތަށް ޓާސްކު ފޯހެއް ހަދަންޖެހެއެވެ.

ޤައިޑްލައިންގައި ބުނެފައިވަނީ ކޯވިޑް ބަލީގެ އެއްވެސް ރިސްކެއް އޮތް އެއްވެސް ދަރިވަރަކަށް ނުވަތަ ސްޓާފަކަށްވެސް ސްކޫލަކަށް ނާދެވޭނެކަމަށެވެ. އަދި އެ ފަދަ ދަރިވަރެއްގެ ނުވަތަ ސްޓާފެއްގެވެސް މައުލޫމާތު ސިއްހީ ދައިރާތަކަށް ހިއްސާކޮށް ބަލަންޖެހޭނެކަމަށްވެސް މި ޤައިޑްލައިންގައިވެއެވެ.

މި ގައިޑްލައިންގައިވާ ގޮތުން ސްކޫލްތައް ހުޅުވުމުގެ ކުރިން ބެލެނިވެރިންނާއި ގުޅިގެން ސްކޫލްތަކުން ދަރިވަރުންނަށް މާސްކް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެއެވެ. މި ގޮތުން ދަރިވަރުންނަށް ޑިސްޕޯސަބަލް ނުވަތަ ފޮތި މާސްކްވެސް ބޭނުންކުރެވިދާނެއެވެ.

ސްކޫލްތަކުގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުން ސްކޫލްގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އަޅަންޖެހޭނެއެވެ، އެހެންނަމަވެސް އުމުރުނ ދެ އަހަރުން ދަށުގެ ކުދިން މާސްކު އަޅާކަށް ނުޖެހެއެވެ. މާސްކު އެޅުމުގައި އިސްތިސްނާވާނީ ހަމައެކަނި ނޭވާ ހިއްލުމުގެ މައްސަލަތައް ހުންނަ ދަރިވަރުންނަށް އެކަނިކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީގެ ގައިޑްލައިންގައިވާ ގޮތުން ދަރިވަރު އަަޅައިގެން ދާ މާސްކު ބަދަލުކުރަން ޖެހިއްޖެނަމަ އެކަމަށް ކޮންމެ ދަރިވަރަކުވެސް ސްކޫލަށް ފޮނުވަންޖެހޭނީ އިތުރު މާސްކެއް ދީފައެވެ. އަދި އެ މާސްކު އޮންނަންވާނީ ރައްކާތެރިކަމާއި އެކު ދަބަހުގައި ބަންދުކުރެވިފައިކަމަށެވެ.

ސްކޫލްތެރޭ ގައިދުރުކަން ބެހެއްޓުމަށް ދަރިވަރުންނަށް އެނގޭގޮތަށް ފާހަގަކުރެވިފައި ހުންނަން ޖެހޭނެކަމަށާއި ބެލެނިވެރިން ދަރިވަރުން ސްކޫލަށް ގެނެސް ދޫކޮށްލަންޖެހޭ ސަރަހައްދުތައްވެސް ފާހަގަކުރެވިފައި ހުންނަންޖެހޭކަމަށްވެސް މި ގައިޑްލައިންގައިވެއެވެ.

ގައިޑްލައިނުގައި ބުނެފައިވާ ގޮތުން ދަރިވަރުން ސްކޫލަށް އައުމުގެ 15 މިނެޓް ކުރިން މުވައްޒަފުން ސްކޫލަށް ހާޒިރުވާންޖެހެއެވެ. އަދި ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ބަލަންޖެހޭއިރު ބަލީގެ އަލާމާތަކާއެކު ޓެމްޕަރޭޗާ 37 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތިނަމަ އެ ދަރިވަރަކު އައިސޮލޭޓްކޮށް، ސިއްހީ އިދާރާތަކުގެ ލަފަޔަކަށް އެދެންޖެހެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!