ވޯލްޑް ބޭންކުން ދިވެހި މަސައްކަތްތެރިންނަށް އާމްދަނީގެ އިނާޔަތް ދޭން 197 މިލިއަން ރުފިޔާ

ކޮވިޑް-19ގެ ސަބަބުން ވަޒީފާއަށް އަސަރު ކުރި މީހުންނާއި މަސައްކަތްތެރިނަށް އެލަވަންސް ދިނުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމަށް 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 198,4 މިލިއަން ރުފިޔާ) ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.

އެ ބޭންކުން މިއަދު ނެރުުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ހިންގާ “ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮކްމާއަށް” އެހީވުމަށް ބޭނުންވާ ފައިސާ ދިނުމަށް ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވެސް ވަރުގަދަކުރެވިގެންދާނެ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނީ އިންކަމް އެލަވަންސް ސަޕޯޓް ޕްރޮގްރާމަށް ދޭ 12.8 މިލިއަން ޑޮލަރު މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ އެ ސްކީމްގެ ދަށުން ދޭން ޖެހޭ ފައިސާގެ އިނާޔަތް ދިނުމަށް ކަމަށެވެ.

އެގޮތުން، ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މާލީ އެހީ ސަރުކާރުން އަންނަނީ ދެމުންނެވެ.

މީގެ އިތުރުން، މި އެހީގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރު އިތުރުކުރުމަށް ކައުންސިލްތަކަށް އިތުރު މަސްއޫލިއްޔަތުތައް ހަވާލުކޮށް އިދާރީ ކަންކަން ހަރުދަނާ ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ފޯރުކޮށްދީފަ އެވެ. އަދި މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާކޮށް ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލްކަން އިތުރު ކުުރުމަށް، 10 މިލިއަން ޑޮލަރުގެ މާލީ އެހީވެސް އެ ބޭންކުން ދީފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!