ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުގެ ރުހުން ހޯދާ ގޮތަށް ގާނޫނު އިސްލާހު ކުރަން ބިލެއް ހުށަހަޅައިފި

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައިފި އެވެ.

ސިއްހީ ކުއްލި ހާލަތުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދެވެ.

އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އޭގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްނަމަ، 14 ދުވަސް ތެރޭގައި މަޖިލީހަށް މެންބަރުން އެއްވެ އޭގެ މަސައްކަތް ފަށަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

އެމްޑީޕީގެ އެ މެންބަރުގެ މި ބިލުގައި ބުނާ ގޮތުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރަށް ރުހުން ދިނުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. ގަރާރަށް މަޖިލީހުން ގެންނަން ބޭނުންވާ ބަދަލެއް ގެނެވޭނެ އެވެ. އަދި ގަރާރު ބާތިލް ކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ ކަމަށް ބިލުގައިވެ އެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު، އެ ކަމާ ގުޅިގެން ކޮންމެ މަހަކު ހިނގަމުންދާނެ ހަރަދުތައް ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި, ސިއްހީ ކުއްލި ހާލަތުގެ ގަރާރުގައިވާ މުއްދަތު ދިގު ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިގެން ހެލްތު މިނިސްޓަރަށް އަންގައިފިނަމަ އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން މަޖިލީހަށް ހުށަހަޅައި އެ މުއްދަތު އިތުރު ކުރަން މަޖިލީހުން ފާސްކުރަން ޖެހޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!