ސިނގިރޭޓުން ނަގާ ޑިއުޓީ އަނެއްކާވެސް ބޮޑުކޮށް، ބިޑިން ޑިއުޓީ ނަގަން ފަށަނީ

ރާއްޖެ އެތެރެކުރަމުން އަންނަ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް، ބިޑިން ޑިއުޓީ ނަގަން ފެށުމަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމެވެ.

ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 ޕަސެންޓެވެ.

ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު 25 ޕަސެންޓު ނަގަމުން އަންނަ އިރު، ސިނގިރޭޓަކަށް ނަގަމުން އައީ ދެ ރުފިޔާ އެވެ. ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކުރުން ވިޝާމް ހުށަހެޅުއްވި ބިލުގައި ވަނީ ހިމަނައިފަ އެވެ.

އަދި ސިނގިރޭޓެކޭ އެއްގޮތަށް ބިޑިން ވެސް 25 ޕަސަންޓުގެ ޑިއުޓީ އެއް ނެގުމަށް ނިންމައި، ކޮންމެ ބިޑިއަކުން ތިން ރުފިޔާ ނެގުމަށް އިސްލާހު ވަނީ ހުށަހަޅައިފައެވެ. ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާހުން 200 ޕަސެންޓު ޑިއުޓީ ނަގަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!